Advertisement

ކޮންސަލްޓަންޓުންގެ ގޮތުގައި އެމްޑީޕީގެ 14 މެންބަރަކު ކައުންސިލަށް ނަގާފައިވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ

13 އޮކްޓޯބަރު 2024 - 10:10 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް: މޭޔަރު ކަމުގައި ސިޓީ ކައުންސިލަށް އެމްޑީޕީއަށް ނިސްބަތްވާ 14 ކޮންސަލްޓަންޓުން ނެގި ކަމަށް އޭނާ އިއްޔެ ވިދާޅުވި --- ފޮޓޯ: އެމްޑީޕީ


ކޮންސަލްޓަންޓުންގެ ގޮތުގައި އެމްޑީޕީގެ 14 މެންބަރަކު ކައުންސިލަށް ނަގާފައިވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ

13 އޮކްޓޯބަރު 2024 - 10:10 1

ވެއެތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭ އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ 14 މެންބަރަކަށް ސިޓީ ކައުންސިލުން ކޮންސަލްޓަންޓުންގެ ވަޒީފާ ދީފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާޒިމް މޭޔަރު ކަމުގެ ހުވާ ކުރެއްވީ ޖެނުއަރީ 22، ގަ އެވެ.

އެމްޑީޕީ އިން އިއްޔެ ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ސިޓީ ކައުންސިލުގެ ތެރޭ ދަތިވާ އެއްވެސް ކަމެއް ނެތް ކަމަށާއި "ބުނާ ކަމެއް ވެއްޖިއްޔާ ކޮށްދޭ" ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ، 15 ކޮންސަލްޓުން ނަގައިފިން. އަޅުގަނޑުމެންގެ ޕާޓީ މީހުން އެތާ އެ ތިބީ ވެސް އެކަކު ނޫނީ،" އާޒިމް ވިދާޅުވި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ. އަދި، އާޒިމްގެ ވާހަކައަށްފަހު، އެމްޑީޕީގެ މެންބަރުންނަށް ކޮންސަލްޓަންޓުން ދިން ވާހަކަ އުނިކޮށްލަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓުންގެ ގޮތުގައި މީގެ ކުރިން ތިބި މީހުންގެ މުސާރަ އާއި އިނާޔަތްތައް މި ނޫހުން ވާނީ ހޯދާފަ އެވެ. އޭގެ ތެރޭގައި 18،000ރ. އިން ފެށިގެން 45،000ރ. އާ ހަމައަށް މަހު މުސާރަ ލިބުނު ކޮންސަލްޓަންޓުންނާއި ފީ ލިބުނު ކުންފުނިތައް ހުއްޓެވެ. މިހާރުގެ ކޮންސަލްޓަންޓުންނަށް ލިބޭ މުސާރައިގެ ތަފުސީލަށް މި ނޫހުން މިހާރު ވާނީ އެދިފަ އެވެ.

މާލެ ސިޓީގެ މޭޔަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ވެސް ކޮންސަލްޓަންޓުންގެ ގޮތުގައި ބޮޑު މުސާރަ ދީ އެމަނިކުފާނުގެ އަރިސް، ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ނެގި މައްސަލަ ފެންމަތިވި އެވެ.

އޭގެ ތެރެއިން ގިނަ ކޮންސަލްޓަންޓުން މިހާރު ތިބީ މި ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ.

އޭގެ ތެރޭގައި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އަދި ރައީސް އޮފީހުގެ ފޮޓޯގްރާފަރު އެލީޒް އަލީ މުހައްމަދު ހިމެނެ އެވެ.