Advertisement

ޔުއެފާ ނޭޝަންސް ލީގު: ޕޯޗުގަލް އާއި ސްޕެއިނަށް މޮޅެއް

13 އޮކްޓޯބަރު 2024 - 08:25 0


ޔުއެފާ ނޭޝަންސް ލީގު: ޕޯޗުގަލް އާއި ސްޕެއިނަށް މޮޅެއް

13 އޮކްޓޯބަރު 2024 - 08:25 0

ވޯސޯ، ޕޮލެންޑް (އޮކްޓޫބަރު 13) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ސްޕެއިނާއި ޕޯޗުގަލް މޮޅުވެ، ވާދަކުރާ ގްރޫޕްތަކުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ޕޯޗުގަލް އިން ވަނީ ރަށުންބޭރުގައި 3-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ސްޕެއިނުން ޑެންމާކްގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ.

ރަށުންބޭރުގައި ކުޅުނު ޕޯޗުގަލް އިން ރޭގެ މެޗުގައި ލީޑުނެގީ 26 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްގެ ދެ ވަނަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ، ޕްރޮފެޝަނަލް ކެރިއަރުގައި ގައުމީ ޓީމާއި ކްލަބަށް ޖުމްލަ އެކު، ޖެހި ގޯލަށް ބަލާނަމަ ރޮނާލްޑޯގެ 906 ވަނަ ލަނޑެެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ޕިއޮޓްރޭ ޒިއެލިންސްކީ ވަނީ ލަނޑެއް ޖަހައި، ޕޮލެންޑަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 88 ވަނަ މިނިޓްގައި ޕޯޗުގަލް އިން އިތުރު ގޯލެއް ޖަހައި މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި އެެވެ. މި ގޯލަކީ، ޕޯޗުގަލްގެ ނޫނޯ މެންޑޭސް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޮލެންޑްގެ ޔެން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ސްކޮޓްލެންޑް 2-1 އިން ބަލިކޮށް، ހަ ޕޮއިންޓް ހަމަކުރި ކްރޮއޭޝިއާ އެވެ. ތިން ވަނައިގައި އޮތް ޕޮލެންޑްގެ ތިން ޕޮއިންޓް އޮތްއިރު، ސްކޮޓްލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުން ޑެންމާކް ބަލިކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕެއިނަށް ޖަހައިދިނީ، މާޓިން ޒުބިމެންޑީ އެވެ. މިއީ، އޭރިއާބޭރުން ވޮލީއަކުން ޒުބިމެންޑީ ޖެހި ގޯލެކެވެ. މި މެޗުގައި ސްޕެއިނުން ލަނޑު ޖަހަން ފޮނުވާލި ގިނަ ބޯޅަތަކެއް ޑެންމާކްގެ ކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ލީގު އޭގެ ގްރޫޕް ހަތަރެއްގެ އެއް ވަނައިގައި ސްޕެއިން އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ޑެންމާކް އެވެ. ތިން ވަނައިގައި އޮތީ ރޭ ސްވިޒަލެންޑް އަތުން 2-0 އިން މޮޅުވި ސާބިއާ އެވެ. ސާބިއާ އިން ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ސްވިޒަލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.