Advertisement

އިޒްރޭލުން ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާދީ 22 މީހުން މަރާލައިފި

13 އޮކްޓޯބަރު 2024 - 14:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ބައެއް މީހުން އެހެން ސަރަހައްދުތަކަށް ބަދަލުވަނީ -- ފޮޓޯ: ރޮއިޓާސް


އިޒްރޭލުން ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާދީ 22 މީހުން މަރާލައިފި

13 އޮކްޓޯބަރު 2024 - 14:49 0

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި އުތުރު ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެއްގަމުން އަރައި ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 22 މީހުން މަރާލައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވެދިޔަ އަށް ދުވަސް ތެރޭގައި އުތުރަށް ދިން ހަމަލާތަކުގައި ޖުމްލަ 200 މީހުން މަރާލާފައިވާ ކަމަށެވެ.

ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އިޒްރޭލުން ބުނީ ޖަބަލިއާ ރެފިއުޖީ ކޭމްޕް ހިމެނޭ ސަރަހައްދަށް ހަމަލާތައް ދެމުން އަންނަނީ ހަމާސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އުޒުރު ދައްކައިގެންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ވަނީ ތާށިވެފަ އެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ގާޒާގެ އާންމުން ހިމެނެ އެވެ.

އިޒްރޭލުން އުތުރު ގާޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީ ތިބި މީހުން ދެކުނަށް ދިޔުމަށް އިންޒާރު ދިން ނަމަވެސް، ދާނެ އެއްވެސް ރައްކާތެރި ސަރަހައްދެއް ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

އިޒްރޭލުން އަންނަނީ ގާޒާގެ އިތުރުން ލުބްނާނަށް ވެސް ހަމަލާތައް ދެމުންނެވެ. މިގޮތުން، މިދިޔަ ސެޕްޓެމްބަރުން ފެށިގެން ލުބްނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1،645 އަށް އަރާފަ އެވެ.

އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދެމުން އަންނަނީ ހިޒްބުﷲ އަށް ދެކޮޅަށް ކަމަށް ބުނެ އެވެ. ނަމަވެސް ހަމަލާތަކުގައި ގިނައިން މަރުވަމުން އަންނަނީ ކަމާ ނުބެހޭ މީހުން ކަމަށްވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.