ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި އެ ގައުމާއެކު އެއްބަސްވި ކަންކަން ހިމެނޭ ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ތަންފީޒުކުރަން ދެ ގައުމުގެ އިސް އޮފިޝަލުން ހިމެނޭ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލަން ނިންމި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރައީސްގެ އިންޑިއާ ދަތުރުގެ ތެރެއިން ވިޝަން ޑޮކިއުމެންޓު އެކުލަވާލީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން އޮކްޓޯބަރު 7، ގަ އެވެ. އެ މަޝްވަރާތަކުގައި ދެ ގައުމުގެ ވަޒީރުން ވެސް ބައިވެރިވި އެވެ.
ވިޝަން ޑޮކިއުމެންޓުގައިވާ ގޮތުން އޭގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލުމަށް ރައީސް މުއިއްޒު އަދި މޯދީ ވަނީ ނިންމަވާފަ އެވެ. އެ ގްރޫޕުގެ ލީޑާޝިޕް ކަނޑައަޅާނީ ދެ ގައުމުގެ މެދުގައި އެއްބަސްވެވޭ ގޮތަކަށް ކަމަށް ވެސް ޑޮކިއުމެންޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، ރައީސްގެ ދަތުރަށްފަހު ސަރުކާރުން މިހާތަނަށް ނޫސްވެރިންނަށް މައުލޫމާތު ދީފައިނުވާތީ ކޯ ގްރޫޕު އެކުލަވާލުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ.
މީގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައި، ސިފައިންގެ ބަދަލުގައި އެ ގައުމުގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މުވައްޒަފުން ގެނައުމަށް ކުރި މަޝްވަރާތައް ކުރިއަށް ގެންދިޔައީވެސް މިފަދަ ކޯ ގްރޫޕަކުންނެވެ.
ވިޝަން ޑޮކިއުމަންޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިންޑިއާއާއެކު އެއްބަސްވި ސަލާމަތީ، ސިއްހީ، ތައުލީމީ، އަދި ތަރައްގީއާ ގުޅޭ މުހިންމު ކަންކަން މި ނޫހުން ވާނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވީ ކަންކަން ވެސް ހިމެނެ އެވެ. އެއާއެކު އިދިކޮޅާ ރައްޔިތުން ވެސް ވަނީ ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
ނަމަވެސް، އެ ހަބަރުތަކާއެކު ރައީސް މުއިއްޒު ވަނީ، މި ޑޮކިއުމެންޓާ ގުޅޭގޮ ތުން ހަބަރުތައް ގެނެސްދިން ނޫސްވެރިން ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ބައެއް ނޫސްތަކުގެ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ގައުމާ ބެހޭގޮތުން. މި ހާރިޖީ ސިޔާސަތަށް ފާޑުކިޔުމަށް ހަގީގަތަށް ހިލާފަށް. ބައެއް ނޫސްތަކެއް ނޫން އެންމެ ނޫހެއް ދެ ނޫހެއްގަ ފެނުނީ، ގިނަ ނޫސްވެރިން. ޖާނަލިޒަމްގެ ދާއިރާގެ އުޅުއްވާ ބޭފުޅުން ވަރަށް ޒިންމާދާރު," ބެންގަލޫރުގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.
ވިޝަން ޑޮކިއުމެންޓުގައި އެއްބަސްވި ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިން ދޮގުހެދި ކަމަށް ރައީސް ވިދާޅުވުމާއެކު މި ނޫހުން ވާނީ އެ ޑޮކިއުމެންޓުގެ ފުރިހަމަ ދިވެހި ތަރުޖަމާއެއް ވެސް އާންމުކޮށްފަ އެވެ.
Comment