Advertisement

އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އަށް ދޭން މަޝްވަރާކުރަނީ

13 އޮކްޓޯބަރު 2024 - 08:26 0


އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އަށް ދޭން މަޝްވަރާކުރަނީ

13 އޮކްޓޯބަރު 2024 - 08:26 0

ލަންޑަން (އޮކްޓޫބަރު 13) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ދާއިމީ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސަން އިނގިރޭސި އެފްއޭ އިން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ކޯޗުކޮށްދިން ޓުޗެލް، މިިދިޔަ ސީޒަނަށް ފަހު ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން ވަކިވި ފަހުން ހުރީ ޓީމަކާ ހަވާލުނުވެ އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ޓުޗެލް ގެންނަން މަޝްވަރާކުރި އެވެ. އެކަމަކު، ފަހުން އެ ކްލަބުން ނިންމީ އެރިކް ޓެން ހާގް ބަހައްޓާށެވެ.

ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމުން، އިންގްލެންޑްގެ ކޯޗުކަމުގައި ހުރި ގަރެތު ސައުތުގޭޓް ވަނީ މަގާމުން އިސްތިއުފާދީފި އެވެ. މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ސައުތުގޭޓް މަގާމުން އަމިއްލަ އަށް ދުރުވުމުން، ދެން އިންގްލެންޑުން ވަގުތީ ގޮތުން، ޓީމު ހަވާލުކުރީ ޒުވާން ޓީމުގެ ކޯޗަކަށް ހުރި ލީ ކާސްލީ އެވެ.

ކާސްލީއާ އެކު، އިންގްލެންޑުން ކުރިމަތިލި ތިން ވަނަ މެޗުގައި، އަމިއްލަ ދަނޑުގައި ގްރީސް އަތުން ބަލިވުމުން، އިނގިރޭސި އެފްއޭ އިން ވަނީ އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތުގެ ދުވެލި އަވަސްކޮށްފަ އެވެ.

އެ ގޮތުން، އިނގިރޭސި އެފްއޭ އިން ވަނީ ޓުޗެލްއާ މަޝްވަރާތައް ފަށައިފަ އެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޓުޗެލް ބޭނުންވަނީ، 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކޮންޓްރެކްޓެއް ލިބޭ ގޮތަށް އެ ޓީމާ ހަވާލުވުމެވެ.

އިންގްލެންޑުން ޓުޗެލް އެ ޓީމުގެ ކޯޗަކަށް ގެންގޮސްފިނަމަ އޭނާ ވެގެންދާނީ އެ ޓީމާ ހަވާލުވާ ބިދޭސީ ތިން ވަނަ ކޯޗަށެވެ. އިންގްލެންޑަށް އިރުޝާދުދިން ބިދޭސީ ދެ ކޯޗުންނަކީ، ދާދި ފަހުން މަރުވި، ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން އާއި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ފަބިއޯ ކަޕެއްލޯ އެވެ.