Advertisement

މުބީން، ފުރުސަތު ދީފިނަމަ ނިއު ރޭޑިއަންޓްއާ ހަވާލުވާން ތައްޔާރު

12 އޮކްޓޯބަރު 2024 - 18:49 1

އަތޫފް އާތިފް

އަތޫފް އާތިފް


މުބީން، ފުރުސަތު ދީފިނަމަ ނިއު ރޭޑިއަންޓްއާ ހަވާލުވާން ތައްޔާރު

12 އޮކްޓޯބަރު 2024 - 18:49 1

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އަށް ފުރުސަތު ދީފިނަމަ، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ނިއު މި ވަގުތު އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ކްލަބުން މި މަހުގެ 20 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ކްލަބްގެ ޗެއާމަން, އަހުމަދު ވާސިފް ވަނީ އިސްތިއުފާ ދީފަ އެވެ.

"އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި މުބީން ވިދާޅުވީ، ނިއުގެ ކޮންމެ މަގާމެއް ހަވާލުކުރެއްވި ނަމަވެސް އެ މަގާމެއް ފުރުއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި މި ވަގުތު ބޭނުންވަނީ ނިއު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރަން ކަމަށް މުބީން ވިދާޅުވި އެވެ.

"ކްލަބްގެ ކޮންމެ މަގާމެއް އަޅުގަނޑާ ހަވާލުކުރިޔަސް އެ މަގާމެއް ފުރަން މިހުރީ ތައްޔާރަށް. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ނިއު ރޭޑިއަންޓަކީ މުހިންމު ބައިވެރިއެއް،" މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، ނިއުގެ ޗެއާމަން ކަމަށް އޭނާ ގެންނަން ބޭނުންވާ ނަމަ އެ ކަން ކޮންގްރެސް އިން ނިންމާނެ ކަމަށެވެ. އަދި ނިއު އިން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށް މުބީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި، މުބީން ވަނީ މި ފަހުން ނިއުގެ ޗެއާމަންކަމަށް އަންނަން އުޅުއްވާ ކަމުގެ އިޝާރާތެއް ސޯޝަލް މީޑިއާގައި ދެއްވައިފަ އެވެ. އެ ގޮތުން މުބީން ކުރި ޕޯސްޓެއްގައި ވިދާޅުވީ, "މާތް الله ގެ ވާގިފުޅާ އެކު މި ފަށާ ދަތުރުގައި ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަލުން އަނބުރާ އިހު އޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަ ދޭނަން." ކަމަށެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި މުބީން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު


ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ގޯހުން ގޯހަށް ގޮސްފައި އޮއްވައި، ނިއު އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތުގައި، ބައިވެރިވުމުން، 2019 ވަނަ އަހަރު އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި އެވެ.

ނިއު ސަސްޕެންޑް ކުރަން އެފްއޭއެމް އިން ދެއްކި ސަބަބަކީ، ނިއު އިން މުސާރަަ ނުދީ ހުރި މައްސަލަތަކެވެ.

އެ އަޑިގަނޑުން ނިއު އަރައިގަނެ، 2022 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިވިޝަން މުބާރާތަށް ނިއު އިން ނުކުމެވޭވަރު ކުރީ ވާސިފް ހިމެނޭހެން ނިއުގެ އެކި ސަޕޯޓަރުންގެ ގްރޫޕެއް އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

ވާސިފާ އެކު މަސައްކަތް ކުރި ނިއުގެ ސަޕޯޓަރުން، ނިއު ރޭޑިއަންޓްގެ ނަން ފުޓްބޯޅައިގައި ދިރުވޭތޯ، ރޭޑިއަންޓްގެ ނަމުގައި ޓީމެއް ހަދައިގެން ކުރިއަށްދެވޭތޯ ވެސް ބެލި އެވެ. އެކަމަކު، އެކަން ކުރެވޭގޮތް ނުވުމުން، ނިއު ރޭޑިއަންޓްގެ ކަންކަން ހަމަޔަކަށް އަޅުވައި، ކުރިއަށްދާން ނިންމައި، ސަސްޕެންޝަނުން ސަލާމަތްވީ އެވެ.

ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި، ބަލިވީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ. ބުރު ވަނީ، އެ ފަހަރު، ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ ފަހަރު، އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޭން ނިންމީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެކަންޏެވެ. އެންމެ ފަހުން ބޭއްވި، ދެ ވަނަ ޑިވިޝަނުގައި ފައިނަލަށް ދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް އެފްއޭއެމް އިން ގަވާއިދު ހެދި އެވެ. ނިއު އަށް ދެ ވަނަ ފަހަރު ވެސް އެކަން ނާކާމިޔާބުވީ، ސެމީއާ ހަމައިންނެވެ. ސެމީގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ނިއު ވަނީ 2-0 އިން ބަލިވެފަ އެވެ.