Advertisement

ވެރިކަމުގައި ތިބީ އަނގަ ހައްދު ޖަހަން ޖެހިފައިވާ މީހުން ކަމަށް އެބަ ބުނޭ: ސޯލިހު

12 އޮކްޓޯބަރު 2024 - 16:33 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ވެރިކަމުގައި ތިބީ އަނގަ ހައްދު ޖަހަން ޖެހިފައިވާ މީހުން ކަމަށް އެބަ ބުނާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ވެރިކަމުގައި ތިބީ އަނގަ ހައްދު ޖަހަން ޖެހިފައިވާ މީހުން ކަމަށް އެބަ ބުނޭ: ސޯލިހު

12 އޮކްޓޯބަރު 2024 - 16:33 1

ވެރިކަމުގައި ތިބި މީހުން ތެރޭގައި ތިބީ އަނގަ ހައްދު ޖަހަން ޖެހިފައިވާ ކަމަށް މީހުން ބައެއް މީހުން ބުނަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ސޯލިހު ވިދާޅުވީ އެމަނިކުފާނަށް މީހުން ގުޅާފައި މި ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ދޮގު ހެދި ކަމަށާއި އޭރު ވޯޓު ނުދިނީ އިދިކޮޅުން ހެދި ދޮގުތައް ގަބޫލު ކުރެވިގެން ކަމަށް ބުނަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ ރައްޓިއްސަކު ފޯނުން ގުޅައި ބައްދަލުކޮށް ބުނީ ރިޔާސީ އިންތިހާބުގައި އިބޫއަކަށް ވޯޓެއް ނުދެމޭ. ކިހިނެއްތޯވީ ސުވާލު ކުރުމުން، އޭރު އެމީހުން ދެއްކި ވާހަކަ ހަގީގަތުގައި ވެސް ގަބޫލުކުރެވުނު ކަމަށް ބުނި. ރާއްޖޭގެ މިނިވަންކަން ވެސް ގެއްލެނީ ކަމަށް ގަބޫލު ކުރެވުނީއޭ. މިތަނުގައި ބޭރުގެ ސިފައިން ތިބި ކަމަށް ގަބޫލު ކުރެވިގެންނޭ. އެކަމަކު ތިމަންނައަށް މިއަދު އެނގިއްޖެއޭ އެއީ ދޮގުކަން." ސޯލިހު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި މިހާރު އެތިބީ އަނގަ ހައްދު ޖަހަން ޖެހިފައި ތިބި މީހުންނޭ. މިއީ އެމީހާ އައިސް އަޅުގަނޑު ކައިރީގައި ދެއްކި ވާހަކަ. ނުފޯރާ ފޮތިން ފޫގެޅީމަ ވާ ގޮތް ވެފައޭ އެތިބީ. އުޑަށް ކުޅު ޖެހީމަ ވާ ގޮތް ވެފައޭ އެތިބީ،"

ސޯލިހު ވިދާޅުވީ މި ސަރުކާރަށް ވޯޓު ދިން މީހުން ބުނަމުންދާ ވާހަކަތަކަށް ވިސްނައި ފިކުރުކޮށް ކަންތައްތަކެއް ކުރަން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އަދި ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އުޅުމުން، ރާއްޖޭގެ މިނިވަންކަމާއި ދީން ގެއްލެނީ ކަމަށް ކެމްޕޭނުގައި ބުނެ، ދޮގުތައް ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުގައި އާބާދު ކުރަން އުޅޭ ކަމަށް އޭރު ތުހުމަތު ކުރެއްވިކަން ފާހަގަ ކުރައްވާ ސޯލިހު ވިދާޅުވީ އޭރު އޮތް އެއްބަސްވުންތަކާ އެއްގޮތަށް އަކުރަކަށް ފިއްޔަކަށް ވެސް ބަދަލު ނުގެނެސް މިހާރު ވެސް އަމަލު ކުރަމުންދާ ކަމަށެވެ.

"ކޮބައިތޯ އެ އޮޅުވާލި އޮޅުވާލުންތައް، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އުފައްދަން އުޅުނީމަ ދެއްކި ވާހަކައަކީ ކޮބައިތޯ. އެއީ ވެސް އިންޑިއާގެ އިންޓެލިޖެންސް ސެންޓަރެއް ހަދައި، އެތަނުގައި އިންޑިއާގެ ރައްޔިތުން ވަޒަންވެރި ކުރުމަށްޓަކައި ހަދާ ތަނެކޭ، އައްޕަތުރޭއެއްގެ ވާހަކަ ދައްކަން ފެއްޓެވީ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ކުރީ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށާއި މާލެ ރައްޔިތުންގެ ފްލެޓާއި ގޯތި ވެސް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.