Advertisement

މި ސަރުކާރުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކަށް: ސޯލިހު

12 އޮކްޓޯބަރު 2024 - 12:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މި ސަރުކާރު މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


މި ސަރުކާރުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކަށް: ސޯލިހު

12 އޮކްޓޯބަރު 2024 - 12:07 1

މި ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ނަމުގައި ކުޅުއްދުފުށި ސިޓީގައި ބާއްވާ ކޮންފަރެންސްގައި ސޯލިހު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އަހައި، ކައިރިން ހިދުމަތް ދޭން ޖެހުނު ނަމަވެސް ސަރުކާރުން ދަނީ ހުދުމުހުތާރު ވެރިކަމެއް ކުރަން ހުރިހާ ބާރުތައް ޖަމާ ކުރަމުން ކަމަށެވެ.

"މިއަދު ވެރިކަމުގައި މި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުން ދައްކާ ވާހަކައެއް ގަބޫލު ކުރާ ބައެއް ނޫން. ހިތުހުރި ގޮތަކަށް ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ހުރިހާ ކަމެއް ކުރަމުން އެ ގެންދަނީ. ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ،" ސޯލިހު ވިދާޅުވި އެވެ.

ރައީސްއަކަށް ހުންނަވާ ބޭފުޅަކު ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާ ކުރުމުން ވަރަށް ފަސޭހަވާނެކަން ފާހަގަ ކުރައްވާ ސޯލިހު ވިދާޅުވީ މިއަދު އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ބާރުތައް ޖަމާ ކުރުމާ ދެކޮޅަށް ކުރަން ޖެހޭ ހުރިހާ ކަމެއް ރައްޔިތުން ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ދޮގާއި ފިތުނަ އާއި ފަސާދައިގެ ތެރެއިންކަން މިއަދު ހާމަވަމުންދާ ކަމަށާއި ވީ ވައުދުތައް ވެސް ވީ އެއްވެސް ހިސާބެއް ކިތާބެއް ބެލުމެއް ނެތިކަން ވެސް ހާމަވަމުންދާ ކަމަށެވެ.

"ވެރިކަމަށް އަޅުގަނޑު މިދެންނެވިހެން އައީ ދޮގުވެރި، މަކަރުވެރި، ހީލަތްތެރި ރޭވުންތަކުގެ ތެރެއިން. މިއަދު އެދަނީ އެކަން ސާފުވަމުން. އެބޭފުޅުން ވެރިކަމަށް އައުމަށް ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެދަނީ ހާމަވަމުން،" ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުން ހެދި ދޮގާއި ފިތުނައިގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވީކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ޓޫރިޒަމް ސެކްޓާއަށް ލިބުނު ގެއްލުންތަކުން ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ގެއްލުނު ކަމަށެވެ. އަދި ސަރުކާރުން ފައިސާ ނެތް ވާހަކަ ދައްކާއިރު އެކަމަށް ސަރުކާރު ޒިންމާ ކުރުވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ކުރިއަށް ގެންދާ "ލާމަރުކަޒީ ގުޅުން ކޮންފަރެންސް" އަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބައިވެރިވެވެގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.