Advertisement

ޔުއެފާ ނޭޝަންސް ލީގު: ވެން ޑައިކަށް ރަތެއް، ޖަރުމަނަށް އުނދަގޫ މޮޅެއް

12 އޮކްޓޯބަރު 2024 - 10:39 0


ޔުއެފާ ނޭޝަންސް ލީގު: ވެން ޑައިކަށް ރަތެއް، ޖަރުމަނަށް އުނދަގޫ މޮޅެއް

12 އޮކްޓޯބަރު 2024 - 10:39 0

ބުޑަޕެސްޓް، ހަންގޭރީ (އޮކްޓޫބަރު 12) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އަށް ރަތް ކާޑެއް ދެއްކިިިއިރު، އެ ޓީމު 1-1 އިން ހަންގޭރީއާ އެއްވަރުވެއްޖެ އެވެ.

އެ ގްރޫޕްގެ އަނެއް މެޗުގައި، ޖަރުމަނުން ވަނީ 2-1 އިން ބޮސްނިއާގެ މައްޗަށް ކުރިހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ހަންގޭރީން ފުރަތަމަ ހާފުގައި ލީޑުނެގީ ރޮލަންޑް ސަލާއި ވޮލީ އަކުން ޖެހި ގޯލުންނެވެ. ވެން ޑައިކް އަށް ރަތް ކާޑެއް ދެއްކީ، 79 ވަނަ މިނިޓްގަ އެވެ. ވެން ޑައިކް، ދެ ރީނދޫ ކާޑު ހޯދީ ތިން މިނިޓް ތެރޭގަ އެވެ. ރެފްރީގެ ނިންމުމާ ނުރުހުން ފާޅުކުރި ގޮތުން އެއް ކާޑު ދެއްކިއިރު، ދެ ވަނަ ރީނދޫ ކާޑު ދެއްކީ، ހަންގޭރީގެ ކެވިން ސޮބޯތު އަށް ފައުލުކުރުމުންނެވެ. މިއީ، ގައުމީ ޓީމަށް ކުޅެދިން 77 މެޗުގެ ތެރެއިން ވެން ޑައިކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ނެދަލެންޑްސް އިން ވަނީ ކުޅުންތެރިއަކު މަދުވިޔަސް، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ޑެންޒެލް ޑަމްފްރީސް އެވެ. މިއީ، ކޯޑީ ގަކްޕޯގެ ހިލޭ ޖެހުމަކުން، ޑަމްފްރީސް ބޮލުން ޖެހި ގޯލެކެވެ.

ޖަރުމަނަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޑެނިސް އުންޑާވް ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. ހެޓްރިކް ފުރިހަމަ ކުރަން އުންޑާވް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ޖަރުމަނުގެ ސާގް ގްނަބްރީ ޖެހި ލަނޑެއް ވެސް ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ބަލައި ކެންސަލްކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ފަހުކޮޅުގައި އެޑިން ޖެކޯ ވަނީ ލަނޑެއް ޖަހައި ބޮސްނިއާ އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މި ގްރޫޕްގެ ތާވަލުގެ އެއް ވަނައިގައި ޖަރުމަނު އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ހަންގޭރީ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާގެ ވެސް އެއް ޕޮއިންޓް އެބައޮތެވެ.