Advertisement

ލޭގެ ޕްރެޝަރު ބެލުމުގައި ސަމާލުކަން ދޭންވީ ކަންކަން!

12 އޮކްޓޯބަރު 2024 - 08:07 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ލޭގެ ޕްރެޝަރު ބެލުމުގައި ސަމާލުކަން ދޭންވީ ކަންކަން!

12 އޮކްޓޯބަރު 2024 - 08:07 0

ބްލަޑު ޕްރެޝަރު ނުވަތަ ލޭގެ ޕްރެޝަރަކީ ހިތުން ހަށިގަނޑު އެހެން ބައިތަކަށް ލޭ ފޯރުކޮށް ދިނުމަށް ލޭ ހޮޅިތަކުގެ އެތެރޭގައި އުފައްދާ ބާރެވެ. އެ ޕްރެޝަރު މައްޗަށް ދިޔުމަކީ އަދި ދަށް ވުމަކީ ވެސް މައްސަލައެކެވެ.

ލޭގެ ޕްރެޝަރު ރަނގަޅަށް ދެނެގަތުން މުހިއްމު ކަމަކަށް ވަނީ އެހެންވެ އެވެ. ޕްރެޝަރު ބެލުމަށް އާންމުކޮށް އަތް ބާއްވާ ގޮތްތައް ޖޯންސް ހޮޕްކިންސް މެޑިސިންއިން ދިރާސާ ކުރިއިރު، އަތް ބާއްވާ ގޮތުން ލޭގެ ޕްރެޝަރު މަތިވާ ކަމަށް ދައްކަ އެވެ.

ލޭގެ ޕްރެޝަރު ބެލުމަށް އަމަލުކުރަން ޖެހޭ ރަނގަޅު މިންގަނޑު ލިޔެފައި ހުއްޓަސް، ދިރާސާތަކުން ދައްކާ ގޮތުގައި އެ ގޮތްތަކަށް ބައެެއް ފަހަރު އަމަލެއް ނުކުރެ އެވެ.

ސިއްހީ ފަރުވާ ދޭ ތަނެއްގައި ވިޔަސް، ގޭގައި ވިޔަސް، ލޭގެ ޕްރެޝަރު ބެލުމަށްޓަކައި އަތް ބާއްވަންޖެހޭ ގޮތަކީ ކައިރީގައި ހުންނަ މޭޒެއް ނުވަތަ ލޭގެ ޕްރެޝަރު ނެގުމާއި ލޭ ނެގުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ގޮނޑީގެ އަތްގަނޑުގައި އަތް ބާއްވައިގެން ޕްރެޝަރު ބެލުމެވެ. ސަމާލުކަންދޭންޖެހޭ އިތުރު ކަންކަން ވެސް ހުރެ އެވެ.

ނަމަވެސް ބައެއް ފަހަރު އުނގުގައި އަތް ބާއްވައިގެން ނުވަތަ އަތަށް ސަޕޯޓެއް ނެތް ގޮތަށް އަތް ދޫކޮށްލައިގެން ވެސް ޕްރެޝަރު ބަލަ އެވެ. އެ ތިން ގޮތަށް އަތް ބާއްވައިގެން، ޖޯންސް ހޮޕްކިންސް މެޑިސިން ދިރާސާކުރި އެވެ.

އެ ދިރާސާ ކުރުމުގައި ބައިވެރިވި ޑރ. ޓެމީ ބްރަޑީ ވިދާޅުވީ އުނގުގައި އަތް ބާވައިގެން ނުވަތަ ސަޕޯޓެއް ނެތި އަތް ދޫކޮށްލައިގެން ޕްރެޝަރު ބެލުމުން، ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތިކަމަށް ދައްކާ ކަމަށެވެ.

އާދަޔާ ހިލާފަށް ލޭ މައްޗަށް ދިއުން ނުވަތަ ލޭގެ ޕްރެޝަރު ދަށްވުމަކީ ހިތުގެ ބަލި، ސްޓްރޯކް، ގުނަވަންތައް ފެއިލްވުން، އަދި ޑިމެންޝިއާ ފަދަ ބަލިތައް ޖެހޭ ކަމެކެވެ. އެހެންވެ، ލޭގެ ޕްރެޝަރު ބަލަން އޮންނަ މިންގަނޑަށް ސަމާލުކަން ދޭށެވެ.

ލޭގެ ޕްރެޝަރު ބަލާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން

  • 30 މިނެޓް ކުރިން ކާއެއްޗެއް، ދިޔާ އެއްޗެއް ވެސް ބޭނުން ނުކުރުން.
  • ގުރުދާ (ބްލެޑާ) ހުސްކޮށް ހުރުން.
  • ފައިތިލަ ތަޅުމުގައި ޖެހޭ ގޮތަށް، އަދި ގޮނޑީގައި ބުރަކަށި ލައްކޮށްލައިގެން އިށީނދެ، ހަމަޖެހިލުން.
  • އަތް ބާއްވާ މޭޒު ނުވަތަ ގޮނޑީގެ އަތްގަނޑު މެއާ އެއްހަމައެއްގައި ހުރުން.
  • ލޭގެ ޕްރެޝަރު ނަގާ ވަގުތު ވާހަކަ ނުދެއްކުން.

ލޭގެ ޕްރެޝަރު ރަނގަޅު ކަމަށް ބަލާ އާންމު މިންގަނޑަކީ 120/80 އެމްއެމްއެޗްޖީ (120/80mmHg) އެވެ. 120 އެއީ ހިތުން ލޭ ބޭރަށް ފޮނުވައިދޭއިރު ލޭ ހޮޅިތަކުގައި ހުންނަ ޕްރެޝަރެވެ. އެއަށް ކިޔަނީ ސިސްޓޮލިކް ޕްރެޝަރެވެ. 80 އަކީ ޑަޔަސްޓޮލިކް ޕްރެޝަރެވެ. ޑަޔަސްޓޮލިކް ޕްރެޝަރަކީ ހިތުން ލޭ ބޭރުކޮށްލުމަށް ފަހު ހިތް ހަމައަކަށް އެޅޭ ވަގުތުކޮޅުގެ ޕްރެޝަރުގެ މިންވަރެވެ.

  • މައުލޫމާތު: މެޑިކަލް ނިއުސް ޓްޑޭ، އަދި ސީޑިސީ.ގަވް