Advertisement

ޔުއެފާ ނޭޝަންސް ލީގު: ފްރާންސުން އިޒްރޭލް ބަލިކޮށްފި، ބެލްޖިއަމާއި އިޓަލީ އެއްވަރު

11 އޮކްޓޯބަރު 2024 - 10:56 0


ޔުއެފާ ނޭޝަންސް ލީގު: ފްރާންސުން އިޒްރޭލް ބަލިކޮށްފި، ބެލްޖިއަމާއި އިޓަލީ އެއްވަރު

11 އޮކްޓޯބަރު 2024 - 10:56 0

ބުޑަޕެސްޓް، ހަންގޭރީ (އޮކްޓޫބަރު 11) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ފްރާންސް އިން 4-1 އިން އިޒްރޭލް ބަލިކުރިއިރު، ފަހަތުން އަރައި އިޓަލީއާ 2-2 އިން ބެލްޖިއަމުން އެއްވަރުކޮށްފި އެވެ.

އިޒްރޭލުގެ ހޯމް މެޗެއް ނަމަވެސް، ރޭ ފްރާންސާ ދެކޮޅަށް ކުޅުނީ ހަންގޭރީގަ އެވެ.

މި މެޗުގެ ހަ ވަަނަ މިނިޓްގައި ފްރާންސަށް ލީޑުނަގައިދިނީ އެޑޮއާޑޯ ކަމަވިންގާ އެވެ. އިޒްރޭލުގެ ކީޕަރު އޮމްރީ ގްލޭޒާ ކައިރިން ކަމަވިންގާ މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުންނެވެ. މިއީ، ކަމަވިންގާ ފްރާންސަށް ޖަހައިދިން ދެ ވަނަ ގޯލެވެ.

އިޒްރޭލުން ވަނީ 24 ވަނަ މިނިޓްގައި އޮމްރީ ގަންޑެލްމަން ބޮލުން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑެއް ޖަަހައި، އަލުން ފްރާންސަށް ލީޑުނަގައިދީފަ އެވެ. ފްރާންސް އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު މިނިޓް ތަކުގަ އެވެ، އެ ގޮތުން، 88 ވަނަ މިނިޓްގައި، މަޓެއޯ ގެންޑޫޒީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހިއިރު، ފަހު ލަނޑު ކާމިޔާބުކުރީ، ބްރެޑްލީ ބަކޯލާ އެވެ.

މިއީ، ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ރިޓަޔާކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އަދި އަނިޔާގެ ސަބަބުން ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ، އައުރެލިން ޗުއަމެނީ އެވެ.

ފްރާންސްގެ ކަމަވިންގާ (ވ) އިޒްރޭލްގެ ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.


އަމިއްލަ ދަނޑުގައި ކުޅުނު އިޓަލީން ރޭގެ މެޗުގެ 59 ވަނަ ސިކުންތުގައި ލީޑުނެގި އެވެ. އެއީ، އަންދްރެއާ ކަމްބިއާސޯ ޖެހި ގޯލުންނެވެ. އަދި މެޗުގެ 24 ވަަނަ މިނިޓްގައި ކަމްބިއާސޯ ކުރި އެޓޭކެއްގައި ރީބައުންސަކުން ލިބުނު ފުރުސަތުގައި، މަޓެއޯ ރެޓެގީ ވަނީ އިޓަލީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

އިޓަލީ އަށް މި މެޗުގައި މައްސަަލަ ދިމާވީ، 40 ވަނަ މިނިޓްގައި އެ ޓީމުގެ ލޮރެންޒޯ ޕެލެގްރީނީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ފްރާންސްގެ އާތޫރު ތިއާޓް އަށް ނުރައްކާތެރި ފައުލެއް ކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ޕެލެގްރީނީ އަށް ދެއްކި ރަތް ކާޑެކެވެ.

އިޓަލީގެ ކުޅުންތެރިއަކު މަދުވިތާ ދެ މިނިޓް ފަހުން، ބެލްޖިއަމް އިން ފުރަތަމަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުން، މެކްސިމް ޑި ކުއިޕާ އެވެ. ދެ ވަނަ ހާފުގައި ބެލްޖިއަމަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ޓްރޮސާޑް އެވެ.

ގްރޫޕް ދޭއްގެ ތާވަލުގެ ކުރީގައި، އިޓަލީ އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފްރާންސް އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް ބެލްޖިއަމަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އިޒްރޭލު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެ ޓީމަށް ޕޮއިންޓެއް ނުލިބެ އެވެ.