Advertisement

އާޖެންޓީނާ އެއްވަރު، ބްރެޒިލް ފަހަތުން އަރައި މޮޅުވެއްޖެ

11 އޮކްޓޯބަރު 2024 - 10:03 0


އާޖެންޓީނާ އެއްވަރު، ބްރެޒިލް ފަހަތުން އަރައި މޮޅުވެއްޖެ

11 އޮކްޓޯބަރު 2024 - 10:03 0

ސަންޓިއާގޯ، ޗިލީ (އޮކްޓޫބަރު 11) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި، ބްރެޒިލުން ފަހަތުން އަރައި 2-1 އިން ޗިލީ ބަލިކުރިއިރު، އާޖެންޓީނާ އިން ވެނެޒުއޭލާއާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާތަކާ އެކު، ކޮލިފައިންގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ. ބްރެޒިލަށް ވަނީ ނުވަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗިލީން ދެ ވަނަ މިނިޓްގައި އެޑުއާޑޯ ވާގާސް ޖެހި ގޯލުން ލީޑުނެގި އެެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލަށް އެއްވަރުކޮށްދިނީ އީގޯ ޖީސޫސް އެވެ.

ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، އިތުރު ގޯލެއް ޖަހައިގެން ބްރެޒިލް މޮޅުވި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ލުއިޒް ހެންރީކޭ އެވެ.

މިއީ، ކޮލިފައިންގައި އިތުބާރު ހޯދަން ބަލާއިރު ބްރެޒިލަށް ލިބުނު މުހިންމު މޮޅެކެވެ. އެ ޓީމުން ކޮލިފައިންގައި މި ފަހަރު ހަތަރު ވަނަ މޮޅު ހޯދިއިރު، މީގެ ކުރިން ވަނީ ހަތަރު މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފަ އެވެ.

އަނިޔާ އަށް ފަހު، ލިއޮނަލް މެސީ އެނބުރި އާޖެންޓީނާ ޓީމަށް ރޭގެ މެޗުގައި ކުޅުނުއިރު، އެ ޓީމުން ލީޑުނެގީ 13 ވަނަ މިނިޓްގައި ނިކޮލަސް އޮޓަމެންޑީ ޖެހި ގޯލުންނެވެ. ވެނެޒުއޭލާ އިން އެއްވަރުކުރީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ގޯލު ޖެހީ ތަޖުރިބާކާރު ފޯވާޑް، ސޮލޮމަން ރޮންޑޮން އެވެ.

މި މެޗު ކުޅުނު ދަނޑުގައި ވިއްސާރައަށް ފަހު ފެން ހެދިފައި އޮތުމުން، ދެ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދައްކަން ވަނީ އުނދަގޫވެފަ އެވެ. މެޗަށް ފަހު، ދެ ޓީމުގެ ކުޅުންތެރިން ވެސް ދިން އިންޓަވިއުތަކުގައި އެ ވާހަކަތައް ދައްކައިފައިވެ އެވެ.