Advertisement

ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް ގާދޫ މަޝްރޫއު އިންޑިއާ އަށް

9 އޮކްޓޯބަރު 2024 - 12:51 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް ގާދޫ މަޝްރޫއު އިންޑިއާ އަށް

9 އޮކްޓޯބަރު 2024 - 12:51 1

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް ލ. ގާދޫގައި ޓްރާންޝިޕްމަންޓު ބަނދަރުގެ މަޝްރޫއު އިންޑިއާއާއެކު ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ގާދޫ އަދި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޓްރާންޝިޕްމަންޓު ބަނދަރު ތަރައްގީކުރުމަށް އެކުގައި މަސައްކަތް ކުރަން ރާއްޖެ އަދި އިންޑިއާއިން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ.

ޓްރާންޝިޕްމަންޓު ބަނދަރު ހިމެނޭހެން ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ޗައިނާގެ ސީއޭއެމްސީއީ ކޮމްޕެނީ ލިމިޓެޑްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ އޭޕްރީލް 11، ގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ ސަރުކާރުގެ ކުންފުނި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ.

ނަމަވެސް މިއަދާ ހަމައަށް މި މަޝްރޫއުގެ ދަށުން ގާދޫގައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަން ސެޓްލައިޓު ފޮޓޯތަކުން ކަށަވަރުކޮށްދެ އެވެ. މި މަޝްރޫއު ހަވާލުކުރި ޗައިނާގެ ކުންފުންޏަކީ ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ބްލެކްލިސްޓު ކޮށްފައިވާ ކުންފުންޏެއްކަން ކަށަވަރުވެ އެ ހަބަރު ވެސް މި ނޫހުން ވާނީ މީގެ ކުރިން ގެނެސްދީފަ އެވެ.

ގާދޫ މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް އޮތުން ބާތިލުކުރިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެހެންވެ، އިންޑިއާއާއެކު އެ މަޝްރޫއު ކުރިއަށް ގެންދާން ސަރުކާރުން ވިސްނާފައިވަނީ ކިހިނެއް ކަމެއް، އަދި ނޭނގެ އެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް ދިވެހި ސަރުކާރުން އަދި އިންޑިއާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓު ބަނދަރު އަޅަން ޗައިނާ ކުންފުންޏާ ހަވާލުކުރި ރަސްމިއްޔާތުގައި ދެއްކި ކުރެހުން ---


ގާދޫ އިންޓަގްރޭޓެޑް މެރިޓައިމް ހަބުގައި ޓްރާންސްޝިޕްމަންޓު ބަނދަރުގެ އިތުރުން ކްރޫޒް ޓާމިނަލަކާއި ޔޮޓު މެރީނާއެއްގެ އިތުރުން އީކޯ ރިސޯޓެއްވެސް ތަރައްގީކުރާނެކަން ސަރުކާރުން އެޕްރީލްގައި އިއުލާނުކުރި އެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓު ބަނދަރެއް ހިމެނޭހެން، އެ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގުން ހަވާލުކޮށްފައިވަނީ ވެސް ސަރުކާރުގެ ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒީ) އާ އެވެ.

ނަމަވެސް، މިހާތަނަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ދެކުނުން ގާދޫ އަދި އުތުރުން އިހަވަންދިއްޕޮޅުގައި ދެ ޓްރާންސްޝިޕްމަންޓު ބަނދަރު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.