Advertisement

ޕާޓީތަކަށް ދޭ ފައިސާގެ ވަކި ވަރެެއް ކުދި ޕާޓީތަކަށް ވެސް ލިބޭގޮތް ހަދަނީ

8 އޮކްޓޯބަރު 2024 - 22:41 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު: ސިޔާސީ ޕާޓީތަކަށް ދޭ ބަޖެޓް ހަތަރު ބަޔަކަށް ބަހައިގެން ފައިސާ ދޫކުރަން އީސީން ވަނީ ނިންމާފައި -- ފޮޓޯ؛ އަދަދު ފައިލް


ޕާޓީތަކަށް ދޭ ފައިސާގެ ވަކި ވަރެެއް ކުދި ޕާޓީތަކަށް ވެސް ލިބޭގޮތް ހަދަނީ

8 އޮކްޓޯބަރު 2024 - 22:41 1

ސިޔާސީ ޕާޓީތަކަށް ދޭ ބަޖެޓްގެ ހަތަރު ބައިކުޅަ އެއްބައި، (25 ޕަސެންޓް) ހުރިހާ ޕާޓީއަކަށް ވެސް ލިބޭ ގޮތް ހަދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކާ އެކު ކުރެވުނު މަޝްވަރާ ތަކަށްފަހު އީސީއިން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސް ޕާޓީތަކުގެ ބަޖެޓް ހަތަރު ބަޔަކަށް ބަހާލައި އެއް ބައި ހުރިހާ ޕާޓީއަކަށް ދޫކުރާށެވެ.

އަދި ދެވަނަ 25 ޕަސަންޓް ލިބޭނީ 10،000 އަށްވުރެ އިތުރަށް މެންބަރުން ހުރި ޕާޓީތަކަށެވެ.

އޭގެއިތުރުން ބަޖެޓްގެ ތިންވަނަ 25 ޕަސަންޓް ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބުނު ނިސްބަތަށް ބަލައިގެން ކަމަށްވާއިރު ހަތަރު ވަނަ 25 ޕަސަންޓް ލިބޭނީ ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ލިބުނު ވޯޓުގެ ނިސްބަތަށް ބެލުމަށް ފަހު އެވެ.

އީސީން ބަޖެޓް އެގޮތަށް ބަހާލަން ނިންމި އެންމެ މައިގަނޑު ސަބަބަކީ ކުދި ޕާޓީތައް އިދާރީ ގޮތުން ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އީސީން 2022 ގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ ނަމަ، އިންތިހާބުތަކުގައި ހޯދާ ނަތީޖާތަކާ ގުޅުވައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށެވެ.

މީހުންގެ ރުހުމާ ނުލައި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގައި އީސީން ކޮމިޓީއަށް ހުށަހަޅާފައި އޮތީ މައިގަނޑު ދެ ކަމެކެވެ. އޭގެ އެއް ކަމަކީ ޕާޓީތަކުގެ މެމްބަރުންގެ އަދަދާ ގުޅުވައިގެން ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމެވެ. އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވެއްދުން އޭރުން ނިމުމަކަށް އަންނާނެ ކަމަށް އީސީއަށް ގަބޫލުކުރެވޭ ކަމަށް އެކޮމިޝަނާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ.

ކޮމިޓީގެ ބައެއް ހޯދުންތައް:

  • ފިންގަޕްރިންޓު ވެރިފައި ކުރެވޭނެ އިންތިޒާމް އީސީގައި ނެތްކަން
    • އެއް ފަހަރާ ގިނަ ފޯމުތަކެއް ހުށަހަޅައިފި ނަމަ ސައްހަކަން ކަށަވަރުކުރަން ކޮމިޓީން ޗެކްކުރަނީ 25 ޕަސެންޓް ފޯމުކަން
    • ފޯމުތަކާ މެދު ސުވާލު އުފެދޭ ހާލަަތްތަކުގައި ޗެކްކުރަނީ ފޯމުތަކުގެ ދެބައިކުޅަ އެއްބައިކަން
    • ސައްހަ ނޫން ފޯމަކާ ގުޅޭ ޝަކުވާއެއް ލިބިއްޖެ ނަމަ ފޯމު ހުށަހެޅި ޕާޓީއަށް އެންގުމަކާ ނުލައި، އެ ފޯމެއްގައި ހިމެނޭ މީހާ ޕާޓީން ވަކިކުރާކަން، އެހެން ނަމަވެސް އެމީހާ ކުރިން ރަޖިސްޓްރީ ވެފައި އޮތް ޕާޓީއަށް އިއާދަނުކުރާކަން.

    ރައްޔިތުންގެ މަޖިލީހުން 2022 ގައި އިންތިހާބުތަކުގައި ހޯދާ ނަތީޖާތަކާ ގުޅުވައިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ ގޮތަށް ގާނޫނު އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުމަށް ތަޅުމުން ރުހުން ދިނެވެ.

    ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކަށް ލަފާކޮށް ފާސްކުރާ ބަޖެޓްގެ 0.1 ޕަސަންޓު ހާއްސަކުރަން ޖެހެނީ ސިޔާސީ ޕާޓީތަކަށެވެ. އެ ފައިސާ ދޫކުރަނީ ވެސް 10،000 މެމްބަރުންނަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކަށެވެ.