Advertisement

މަސައްކަތް ރަނގަޅުވުމުން ޖަޔަސޫރިޔާ އަށް ދާއިމީ ކޮންޓްރެކްޓެއް

8 އޮކްޓޯބަރު 2024 - 13:01 0


މަސައްކަތް ރަނގަޅުވުމުން ޖަޔަސޫރިޔާ އަށް ދާއިމީ ކޮންޓްރެކްޓެއް

8 އޮކްޓޯބަރު 2024 - 13:01 0

ކޮލަމްބޯ (އޮކްޓޫބަރު 8) - ވަގުތީ ކޯޗެއްގެ ގޮތުގައި ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމާ ހަވާލުވެ، ސަނަތު ޖަޔަސޫރިޔާ ކުރި މަސައްކަތް ރަނގަޅަވުމުން އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދީފި އެވެ.

އިންގްލެންޑްގެ ކުރީގެ ކޯޗު، ކްރިސް ސިލްވަވުޑް މިދިޔަ ޖުލައި މަހު ލަންކާގެ ކޯޗުކަން ދޫކޮށްލުމާ އެކު، ލަންކާގެ ކްރިކެޓް ބޯޑުން ނިންމީ ކުރީގެ ކެޕްޓަން، ޖަޔަސޫރިޔާ، 55،އާ ވަގުތީ ގޮތުން ޓީމު ހަވާލުކުރުމަށެވެ.

އެ ގޮތުން، ޖަޔަސޫރިޔާ، ވަގުތީ ގޮތުން ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ޓެސްޓް މެޗުތަކުން އިންގްލެންޑް ބަލިކުރުމުގެ އިތުރުން، ނިއު ޒީލެންޑް އަތުން ވެސް ޓެސްޓް މެޗުތަކުން މޮޅުވުމާ އެކު، ލަންކާ ކްރިކެޓް ބޯޑުން ވަނީ ޖަޔަސޫރިޔާއާ މެދު ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވައިފަ އެވެ.

ބޯޑުގެ މެޖޯރިޓީގެ ތާއީދާ އެކު، ޖަޔަސޫރިޔާ އަށް ކޮންޓްރެކްޓް ދިނީ، 2026 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އެއީ، 2026 ވަނަ އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެ ފަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯސްޓް ކުރާނީ ލަންކާ އާއި އިންޑިއާ ގުޅިގެންނެެވެ.

ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގައި، 13،430 ލަނޑު ހަދައި، ފަސް ވަނަ އަށް އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮތް ޖަޔަސޫރިޔާ އަކީ ލެޖެންޑެކެވެ. ލަންކާ ޓީމަށް 445 އޯޑީއައި މެޗު ކުޅެދިން ޖަޔަސޫރިޔާ ވަނީ، 110 ޓެސްޓް މެޗާއި 31 ޓީ20 މެޗު ލަންކާ އަށް ކުޅެދީފަ އެވެ. ލަންކާ އިން 1996 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ޖަޔަސޫރިޔާ ވަނީ 2007 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި ޓީމަށް ވެސް ކުޅެދީފަ އެވެ.

ކްރިކެޓުން ރިޓަޔާކުރުމަށް ފަހު، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް މަސައްކަތްކުރި، ޖަޔަސޫރިޔާ ވަނި ލަންކާ ކްރިކެޓް ބޯޑުގެ ސެލެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.