Advertisement

ރެއާލުން ޖެނުއަރީގައި އާނޯލްޑް ގަންނަން ބިޑްކުރަނީ

8 އޮކްޓޯބަރު 2024 - 12:31 0


ރެއާލުން ޖެނުއަރީގައި އާނޯލްޑް ގަންނަން ބިޑްކުރަނީ

8 އޮކްޓޯބަރު 2024 - 12:31 0

މެޑްރިޑް (އޮކްޓޫބަރު 8) - ރެއާލް މެޑްރިޑުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލްގެ ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ގަންނަން ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މި މަހުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، އާނޯލްޑް، 26، ގެ އެއްބަސްވުން އާ ކުރަން އެ ކްލަބުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައިނުވެ އެެވެ. ރިޕޯޓްތައް ބުނާގޮތުން، އާނޯލްޑަށް ލިވަޕޫލުން ފުރަތަމަ ހުށަހެޅި ދެ ޕްރޮޕޯސަލަށް ވެސް އޭނާ ވަނީ ފުރަގަސްދީފަ އެވެ.

ރެއާލްގެ ކަނާތު ބެކް، ޑެނީ ކާވަހާލް އަށް އަނިޔާވެ، ދެން މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، ޖެނުއަރީ ޓްރާންސްފާގައި ރެއާލުން އާނޯލްޑަށް ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖެނުއަރީ އެކެއްގެ ކުރިން ލިވަޕޫލަށް އާނޯލްޑްގެ އެއްބަސްވުން އާ ނުކުރެވިއްޖެނަމަ، އޭނާ ބޭނުންވާ ގޮތަށް އިންގްލެންޑް ނޫން ކްލަބަކާ އެކު، ޖުލައި އެކެއްގައި ގުޅޭ ގޮތަށް ޕްރީ އެގްރީމެންޓެއް ހެދިދާނެ އެވެ. އެކަމަކު، ހިލޭ ޓްރާންސްފާއެއްގައި ސީޒަން ނިމުމުން އާނޯލްޑް ގެންދިއުމުގެ ބަދަލުގައި، ރެއާލުން މިހާރު ވިސްނަނީ، ކުޑަ ބިޑެއް ކޮށްގެން ވިޔަސް ޖެނުއަރީގައި އާނޯލްޑް ގެންނަން ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

މިދިިޔަ ހަތަރު ވަރަކަށް އަހަރު ރެއާލުން ޖެނުއަރީގައި ކުޅުންތެރިއަކު ގަނެފައި ނުވި ނަމަވެސް، މި ފަހަރު އެކަން ބަދަލުވާނެ އެވެ. ސަބަބަކީ އަނިޔާގެ މައްސަލަތަކެވެ. އެ ގޮތުން، އާނޯލްޑް ގަންނަން، ރެއާލުން 10-15 މިލިއަން ޑޮލަރު ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ލިވަޕޫލްގެ ކޯޗުކަމުގައި ޔާގަން ކްލޮޕް ހޭދަކުރި ނުވަ އަހަރު ތެރޭ، އޭނާ ވަނީ އެކެޑަމީގެ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޓީމާ ހަމައަށް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއަކީ، އާނޯލްޑް އެވެ.

މިހާތަނަށް ލިވަޕޫލަށް ކުޅެދިން 319 މެޗުން އާނޯލްޑް ވަނީ އެ ޓީމަށް 19 ގޯލު ޖަހައިދީ 83 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.