Advertisement

މިހާރު މިހުރީ ސޯލިހު-2، ކުރަނީ އެއް ކަމެއް، ކުރަނީ މާ ވަރުގަދައަށް: ޔާމީން

8 އޮކްޓޯބަރު 2024 - 11:26 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭރުގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް


މިހާރު މިހުރީ ސޯލިހު-2، ކުރަނީ އެއް ކަމެއް، ކުރަނީ މާ ވަރުގަދައަށް: ޔާމީން

8 އޮކްޓޯބަރު 2024 - 11:26 0

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ބޮޑުކުރުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަފާތެއް ނެތް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒަކީ "ސޯލިހު-2" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފި އެވެ.

ޕީއެންއެފުން ސިލްސިލާކޮށް ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެެރެެއިން ރޭގެ ޖަލްސާގައި ޔާމީނު ވިދާޅުވީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގައި، ރާއްޖޭގެ މަސްލަހަތުގައި ދެއްކެވެން ހުރި މުހިންމު ވާހަކަތައް ނުދެއްކެވި ކަމަށެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި ރައީސަށް ދެއްކެވޭނެ އެއް ވާހަކަ އަކީ ޔާމީނު ވިދާޅުވި ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދީފައި ހުރި ބޮޑެތި ލޯނުތައް މައާފްކުރުން ނުވަތަ ދެއްކުން ފަސްކުރުމުގެ ވާހަކަ އެވެ.

އަނެއް ވާހަަކައަކީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ކަނޑުގެ ސަރަހައްދު ބެހި އިރު ގެއްލުނު ބައި ހޯދުމާ ބެހޭ ވާހަކަ ކަމަށާއި އެއީ މޮރިޝަސް އަކީ އިންޑިއާއާ ގާތް ގުޅުމެއް އޮތް ގައުމަކަށް ވާތީ ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.

"އިންޑިއާ [އިން] އޭރު އޮތް، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ބޭނުންވާތީ އެ ހުރިހާ ލޯނެއް ދިނީ އިނގޭތޯ، އެމީހުން ބޭނުންވި އެ ސަރުކާރު ދަމަހަަށްޓަން. އެހެން ނަމަވެސް ﷲގެ ނިންމެވުމާއި ﷲގެ ތަގުދީރު އެއަށް ވުރެ ވަރުގަދަ ވެގެން ދިޔައީ ދެއްތޯ. އެހެންވީމާ ބަދަލުވެގެން ދިޔައީ، ބަދަލުވެގެން ދިޔަޔަކަސް އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މި މުގާބަލާ ކުރާ ބިމުގައި އެއްވެސް ބަދަލެއް ނާދޭ، ހަމަ ސޯލިހު ދޭއް މިހުރީ،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު ވިދާޅުވީ ކުރީގެ ރައީސް ސޯލިހު ގެންގުޅުއްވި ސިޔާސަތުތައް ރައީސް މުއިއްޒު ތަންފީޒުކުރައްވަނީ އެ ސަރުކާރުން ތަންފީޒު ކުރި ވަރަށް ވުރެ މާ ވަރުގަދަކޮށް ކަމަށެވެ.

"ހަމަ އެއް ކަމެއް، އެއަށް ވުރެ ވަރުގަދަ އަށް މިކުރަނީ އިނގޭތޯ،" ޔާމީނު ވިދާޅުވި އެވެ.

އެހެން އެކަން އޮތުމުން، ރައީސް މުއިއްޒުގެ އިންޑިއާ ދަތުރާ މެދު ދިވެހިން އުފާ ކުރަންވީ ކީއްވެތޯ ވެސް ޔާމީނު ސުވާލު އުފެއްދެވި އެވެ.

ޔާމީނު ވިދާޅުވި ގޮތުގައި އިންޑިއާ އަށް ފާޑުކިޔާ ހެދި އިރު ވެސް އެގައުމަށް އިސްކަން ދެއްވި ކަމަށާއި އެހެން ނަމަވެސް ވިދާޅުވާ ވާހަކަ އަކީ ދެގައުމުގެ ދެމެދުގައި އޮންނަން ޖެހޭނީ ހުރުމަތްތެރި ގުޅުމެކޭ ކަމަށެވެ.

"އޭރު ވެސް އަޅުގަނޑުމެންނަށް އިންޑިއާ ފަސްޓް އިނގޭތޯ، މިހާރު ވެސް އަޅުގަނޑުމެންނަށް އިންޑިއާ ފަސްޓް ޕޮލިސީ އަކީ މައްސަލައެއް ނޫން އިނގޭތޯ،" ޔާމީނު ވިދާޅުވި އެވެ.