Advertisement

ބީޖޭޕީއާ ގުޅުން ބަދަހި ކުރަން އެ ޕާޓީގެ ބޮޑުންނާ ރައީސް މުއިއްޒު މަޝްވަރާ ކުރައްވައިފި

ރައީސް މުއިއްޒު އާއި ބީޖޭޕީގެ ނެޝަނަލް ޕްރެޒިޑެންޓު ޖަގަތު ޕްރަކާޝް ނައްޑާ -- ފޮޓޯ: ބީޖޭޕީ


ބީޖޭޕީއާ ގުޅުން ބަދަހި ކުރަން އެ ޕާޓީގެ ބޮޑުންނާ ރައީސް މުއިއްޒު މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ރައީސް އަދި ޔޫނިއަން މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައި، ޕީއެންސީ އާއި ބީޖޭޕީއާ ދެމެދު ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި އެވެ.

ނައްޑާ އާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވީ އިންޑިއާ ނޫން އެހެން ގައުމުތަކުގެ ސިޔާސީ ޕާޓީތަކާ ގުޅުން ބަދަހި ކުރުމަށް ބީޖޭޕީން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ނައްޑާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ބީޖޭޕީ އާއި ޕީއެންސީގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.

"[މިއަދުގެ ބައްދަަލުވުމުގައި] އަޅުގަނޑުމެންގެ ޕާޓީތަކުގެ ގުޅުން ބަދަހިކުރުމަށާއި، ދެ ޕާޓީގެ ލީޑަރުންގެ ވަފުދުތައް، އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކުރުމަށާއި ދެ ފަރާތުގެ ހުރި އެއްގޮތް ވިސްނުންތަކާ ގުޅޭ ވާހަކަތައް ދެކެވުނު، އިންޑިއާ އާއި ދިވެހިރާއްޖެ އާ ދެމެދު ގުޅުން ވަރުގަދަ ކުރުމާ ބެހޭގޮތުން އަޅުގަނޑުމެން ދެއްކި ވާހަކަތަކުކުން ދައްކުވައިދެނީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ވަރުގަދަ ޕާޓްނާޝިޕަކަށް ދެފަރާތުން ވެސް ބޭނުންވާކަން،" ނައްޑާގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެ ބައްދަލުވުމާ ގުޅޭ ހަބަރެއް ރައީސް އޮފީހުގެ ވެބްސައިޓުގައި ނެތެވެ. ނަމަވެސް, އެ ބައްދަލުވުމުގެ ފޮޓޯތައް ހިމެނޭ ގެލެރީއެއް ޝާއިއުކޮށްފައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބީޖޭޕީގެ ހިންގުމުގެ އޮނިގަނޑާއި އެ ޕާޓީގެ ހަރަކާތްތަކާ ގުޅޭގޮތުން ނައްޑާ, ރައީސްއަށް އެ ބައްދަލުވުމުގައި މައުލޫމާތު އެރުވި އެވެ. އަދި، ބީޖޭޕީ އާއި ޕީއެންސީ އާ ދެމެދު ގުޅުން ބަދަހި ކުރަން ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި ބީޖޭޕީގެ ފޮރިން އެފެއާސް ޑިޕާޓުމެންޓުގެ ވެރިޔާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބީޖޭޕީ އަކީ އިންޑިއާގެ ކަނާތު ފިޔައިގެ ޕާޓީއެކެވެ. އެ ޕާޓީގެ އިސްވެރިން މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ވިސްނުމުގެ ސަބަބުން މީގެ ކުރިން މުސްލިމުންގެ ނަފުރަތު އެ ޕާޓީއަށް އަމާޒުވެފައިވެ އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕީއެންސީއަކީ އިދިކޮޅުގައި ތިބިއިރު، ބީޖޭޕީ އާއި އިންޑިއާއާ ދެކޮޅު ޝިޔާރުތައް އެންމެ ބޮޑަށް ފާޅު ކުރަމުންދިޔަ ޕާޓީ އެވެ. މި ސަރުކާރު ވެރިކަމަށް އައީ ވެސް އިންޑިއާ އާ ދެކޮޅު ވިސްނުމުގެ ބައެއްގެ ގޮތުގަ އެވެ. ބައިނަލްއަގުވާމީ ނޫސް އޭޖެންސީތަކުން ވެސް ރައީސް މުއިއްޒުގެ ސަރުކާރު އޭރު ސިފަ ކުރީ އިންޑިއާ އާ ދެކޮޅު "ޕްރޯ ޗައިނާ" ސަރުކާރެއްގެ ގޮތުގަ އެވެ.