Advertisement

ބާރުތައް ސަރުކާރުގެ މުށުތެރެއަށް: ދެން އޮތީ އޮޕޮޒިޝަން މައިތިރި ކުރުވުން

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


ބާރުތައް ސަރުކާރުގެ މުށުތެރެއަށް: ދެން އޮތީ އޮޕޮޒިޝަން މައިތިރި ކުރުވުން

ހުރިހާ ގޮތަކުން ބެލި ނަމަވެސް މިވަގުތު ދިވެހިރާއްޖޭގައި ހުންނެވި އެންމެ ބާރުގަދަ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދައުލަތުގެ އެންމެ އިސް ވެރިއަކީ ރައީސް މުއިއްޒެވެ. އެކްޒެކެޓިވް ބާރު އޮތީ އެމަނިކުފާނުގެ އަތްމަތީގަ އެވެ. އެ ހައިސިއްޔަތުން ދިވެހި އަސްކަރިއްޔާ ވެސް އޮތީ ރައީސް މުއިއްޒުގެ ދަށުގަ އެވެ.

ލިޔެކިޔުމުގައި ވެރިކަން ހިންގުމުގެ ތިން ބާރު ވަކި ކުރެވިފައި އޮތަސް، ރައްޔިތުންގެ މަޖިލިސް މިވަގުތު ކޮންޓްރޯލް ކުރައްވަނީ ރައީސް މުއިއްޒެވެ. އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮތީ މަޖިލީހުގެ ސުޕާމެޖޯރިޓީ ހޯދައިފަ އެވެ.

މަޖިލީސް ލިބުމުން، އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރު ވެސް ޓެކްނިކަލީ އޮތީ ރައީސް މުއިއްޒުގެ ބާރުގެ ދަށުގަ އެވެ. ބޭނުންވެއްޖެ ހާލަތެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ވަކި ކުރުމުގެ ބާރު އެބަ އޮތެވެ.

ރައީސް މުއިއްޒުގެ ބާރު މިވަގުތު ނުހިނގަނީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި އެކަންޏެވެ. އެއީ މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެވެ. އެކަމަކު، ދާދި އަވަހަށް އެމްޑީޕީ ވެސް މައިތިރިވެދާނެ އެވެ. އެކަމާ ގުޅޭ ގާނޫނު އޮތީ މަޖިލީހުން ފާސްކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ޕީއެންސީން ގެނައި އިސްލާހު

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީތަކުން ތަބާވާންޖެހޭ ސުލޫކުތަކެއް ކަނޑައަޅާފައި އޮވެ އެވެ. ސިޔާސީ ޕާޓީތަކުން ހިފަހައްޓަންޖެހޭ މައިގަނޑު 13 ކަމެއް ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

ގާނޫނުގައި ސުލޫކީ ބައެއް ކަންކަން ބަޔާންކޮށްފައި އޮންނަނީ ނިކަން ފުޅާކޮށް މާނަ ކުރެވިދާނެ ގޮތްގޮތަށެވެ. މިސާލަކަށް އެ ގާނޫނުގައި ސިޔާސީ ޕާޓީތަކުން ކޮށްގެންނުވާނެ ކަމެއްގެ ގޮތުގައި ބަޔާން ކުރާ އެއް ކަމަކީ، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމެވެ.

ރާއްޖޭގެ މިހާރު ސިޔާސީ ހަގީގަތަށް ބަލާއިރު، އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުން ކަމަށް ބެލެވިދާނެ އެތައް ކަމެއް އެބަ ފެނެ އެވެ. އަދި ބައެއް ފަހަރު، އަމިއްލަ ކަންކަމަށް ފާޑުކިޔަންޖެހޭ ހާލަތު ވެސް އާދެ އެވެ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެއީ މަނާ ކަމެކެވެ.

ގާނޫނު އެފަދަ ހާލަތެއްގައި އޮއްވައި ނޮވެމްބަރު 17، ގައި ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ސިޔާސީ ޕާޓީތަކަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ގާނޫނުގައި ބުނާ ކަމަކާ ހިލާފުވެއްޖެ ނަމަ، ކުށް ކުރި މީހާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މައްސަލައެއްގައި އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީ ވެސް ޖޫރިމަނާ ކުރަންވާނެ ކަމަށެވެ. ގާނޫނުގައި ކުރިން އޮންނަނީ ކުށް ކުރި މީހާ އެކަނި ފިޔަވަޅު އެޅޭ ގޮތަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ ހ. ގެ ދެ ވަނަ ނަންބަރުގައި މިހާރު ބުނެފައި ވަނީ "މި މާއްދާގެހ. ގެ އެއް ވަނަ ނަންބަރު ފިޔަވައި މި ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތެއް 30,000 ރުފިޔާ އާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100,000 ރުފިޔާއިން ޖޫރިމަނާކުރުން"، މިހެންނެވެ.

އެހެންކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކުރާ ކަމަކަށް ވެސް މިހާރު ޕާޓީތަކުން ޒިންމާވާންޖެހެ އެވެ. ޒިންމާ ނުވި ނަމަވެސް އެމީހަކު ކުރާ ކުށަކަށް ޕާޓީއިން ޖޫރިމަނާ ފައިސާއެއް ދައްކަންޖެހޭނެ އެވެ.

ޕީއެންސީގެ ވިސްނުން ހުރީ ޕާޓީތަކާ ދެކޮޅަށް

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ނޮވެމްބަރު 4، ގައި ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހުތައް ހުށަހަޅުއްވަމުން ވިދާޅުވީ، އެ ބިލުގެ ސަބަބުން ޕާޓީތައް އިތުރަށް ޒިންމާދާރުވާނެ ކަމަށެވެ.

"މި ބިލުގެ ސަބަބުން އަޅުގަނޑުމެން މި ކުރާ ޖުރިމަނާތަކާ އަދި ޕާޓީތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ޕާޓީތަކުން އުފުއްލަންޖެހޭނެ މި ބިލުގެ ސަބަބުން. އެހެންވެ އިސްލާހީ ރަނގަޅު ބިލެއް މިއީ،" ލަތީފު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވީ ސިޔާސީ ޕާޓީތަކަކީ އޭގެ ޒާތުގައި ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބަލައިގެންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

"ސިޔާސީ ޕާޓީ ރާއްޖެއަށް ވުޖޫދުވެގެން މިހާހިސާބަށް އައިއިރު، ގާތްގަނޑަކަށް 19 ވަރަކަށް އަހަރު އައިއިރު އަޅުގަނޑުމެންނަށް ވީފައިދާތޯ ގެއްލުންތޯ އެއީ މިއަދު އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމެއް. އިއްޒަތްތެރި ރައީސް، ފުރަތަމަ ސިޔާސީ ޕާޓީ ހަދަންވެގެން އެ ސޮއިކުރެއްވި ބޭފުޅުން އަޅުގަނޑަށް ޔަގީން ބައެއް ބޭފުޅުން މިހާރު އެކަމާ ދެރަވާނެކަން، އެކަން ކުރަން އުޅުނީތީވެ،" ސައުދުﷲ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ގެނައި އިސްލާހުތަކަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ޕާޓީތަކުން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ، ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއެއްގެ ތެރެއިން ފެބްރުއަރީ، 2012، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ހިނގައިދިޔަ ހަމަނުޖެހުމަށެވެ.

"ލާދީނީ ވިސްނުމުގެ ތެރެއިން، އިސްލާމްދީނާ ނުގުޅޭ ވެށްޓެއްގައި ހުންނަ ކަންކަން ދިވެހިރާއްޖެއަށް އިމްޕޯޓުކޮށްގެން، ސިޔާސީ މަސައްކަތުގެ ނަމުގައި ހަގީގަތުގައި ހިންގިގެންދިޔައީ ޑިމޮކްރޮޓިކް ޓެރަރިޒަމް. އިސްލާމީ ޓެރަރިޒަމް އެކަންޏެއް ނޫން އިނގޭތޯ، ޑިމޮކްރަސީގެ ނަމުގައި ވެސް ޓެރަރިޒަމް ހިންގޭ،" އިބްރާހިމް ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވީ، ރާއްޖޭގެ އަމަނާއި އިގްތިސާދު ފުނޑުމުގެ އަސްލަކީ ވެސް ސިޔާސީ ޕާޓީތައް ކަމަަށެވެ.

"ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީތައް ވުޖޫދަށް އައިސްގެން ރާއްޖޭގެ ހަމަ ހިމޭންކަނ،ް ރައްޔިތުންގެ ކިބައިގައި މަޑުމައިތިރިކަން، ކެތްތެރިކަނ،ް ސުލްހަވެރިކަން މި ހުރިހާ ކަމެއް އޮއްވައި މި ހުރިހާ ކަމެއް ނަގައިލާ ރާއްޖޭގެ މި އިގުތިސާދު ފުނޑި ހުރިހާ ކަމެއް ދިޔައީ ސިޔާސީ ޕާޓީތައް ހަރުދަނާނުކޮށް ސިޔާސީ ޕާޓީތައް ހިންގުމުގެ މައްސަލަ، ހިންގުމުގެ ސަބަބުން،" އިބްރާހިމްދީދީ ވިދާޅުވި އެވެ.

ވަކި ފަރުދަކު ޖޫރިމަނާ ކުރުމާއެކު ސިޔާސީ ޕާޓީ ޖޫރިމަނާ ކުރަންޖެހެނީ އެ ޖޫރިމަނާ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ގާނޫނުތަކުގައި ވަރަށް ބޮޑަށް ޖުރިމަނާގެ އަދަދުތައް ލިޔެފައ،ި ޕާސަނަލީ މީހާ، އެ އަމަލުކުރާ މީހާ ޖޫރިމަނާ ކުރެވޭ ގޮތަށް އޮތަސް، އެ ތަންފީޒު ކުރެވޭ ތަނެއް ނާދޭ. އެ ޖޫރިމަނާ ކަލެކްޓު ކުރެވޭ ތަނެއް ނާދޭ. މިއަށްވުރެ މި ނިޒާމު ހަރުދަ ނާކުރެވެން އެބަޖެހޭ. މިގޮތަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުކުރުމާ އެކީގައި ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ދޫކުރުމުގައި އެ ޖޫރިމަނާގެ އަދަދު އުނިކުރުން އެއީ އެންމެ މުހިންމު އެއް ކަންތައް،" ހުސްނީ ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ޕީއެންސީގެ މެންބަރުންގެ ތެރެއިން ޕާޓީތައް ކުށްވެރިނުކޮށް، ވާހަކަ ދެއްކި މަދު މެންބަރުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނެ އެވެ. ޕީއެންސީގެ މެންބަރުން ދެއްކި ވާހަކަތާ ދެކޮޅު ހަދައި ޝާހިދު ވިދާޅުވީ ސިޔާސީ ހަރަކާތްތަކާއި ޕާޓީ ރާއްޖޭގައި ހިންގަންޖެހޭ ކަމަށެވެ.

"ބައެއް އިއްޒަތްތެރި މެންބަރުން އެބަ ވިދާޅުވޭ ސިޔާސީ ޕާޓީއަކީ މި ރާއްޖެއަކަށް ނުވަތަ ސިޔާސީ މަސައްކަތަކީ އެއްވެސް ހާލެއްގައި އޮންނަންޖެހޭ ކަމެއް ނޫނޭ. އަޅުގަނޑު އެއާ ދެކޮޅު. ސިޔާސީ ހަރަކާތްތައް ހިންގެން އެބަޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އެކަމަކު، ވަކި ފަރުދަކު ކުރާ އަމަލަކަށް މުޅި ސިޔާސީ ޕާޓީ ޒިންމާ ކުރުވާ އިސްލާހު ހިމެނޭ ގޮތަށް މުޅި ބިލަށް ޝާހިދު ވެސް ތާއީދު ކުރެއްވި އެވެ.

"މިއަދު ހުށަހެޅިގެން މިދާ އިސްލާހުތަކަކީ ވެސް ސިޔާސީ ގޮތުން ޕާޓީތައް ބާރުވެރިކޮށ،ް ސިޔާސީ ހަރަކާތް ހިންގާ ފަރާތްތަކަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަކަށް ސިޔާސީ ޕާޓީތަކަށް ވެސް އެ އިނާޔަތާއ، ރައްކާތެރިކަމާއ،ި ހިމާޔަތުގެ ތެރޭ ގައި މަސައްކަތްކުރެ ވޭނެ ގޮތް ހޯއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ބުނަނީ މިއީ ހުދުމުހާރު ބަދަލެއް ކަމަށް

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައި ބިލު މަޖިލީހަށް ހުށަހެޅި ދުވަހު ވާހަކަ ދެއްކެވި އިދިކޮޅު އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް އެ އިސްލާހުތަކާ ދެކޮޅު ހެދި އެވެ.

ގިނަ މެންބަރުން އެ އިސްލާހުތައް ސިފަ ކުރީ "ހުދުމުހުތާރު" އިސްލާހުތަކެއްގެ ގޮތުގަ އެވެ. އެމްޑީޕީ މެންބަރުން އެ އިސްލާހުތައް ސިފަ ކުރީ ޕާޓީތައް ގާނޫނީ ގޮޅިއަކަށް ފެއްތުމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީއިން ޖަހާ މަޅިއެއްގެ ގޮތުގަ އެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ބިލުގެ ސަބަބުން އަދި ގައުމުގައި ވަށައިގެން ހިނގާ އެހެން ކަންކަމުން ފެންނަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ގައުމު ގެންދާ މަންޒަރު ކަމަށެވެ.

"މި ކަންކަމާ މެދު އަޅުގަނޑުމެން ވިސްނައިލާއިރު އަޅުގަނޑުމެންނަށް ހަމަ ހަގީގަތުގައި ވެސް މި ފެންނަނީ އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ މިސްރާބު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ހުރި މަންޒަރު. އަޅުގަނޑުމެންނަށް މި ފެންނަނީ، އިއްޒަތްތެރި ރައީސް، މުޅި ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ރައިސުލްޖުމްހޫރިއްޔާގެ އަތްދަށަށް ގެނެވޭ މަންޒަރު. އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ގައުމު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ގެންދާ މަންޒަރު،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފްގެ އެ ވާހަކަތަކާ އެއްބަސްވި އެމްޑީޕީގެ އެއް މެންބަރަކީ ހަނިމާދޫ ދާއިރާގެ އަބްދުލްޣަފޫރު މޫސާ އެވެ. އޭނާ ވެސް ވިދާޅުވީ، ރާއްޖޭގެ މިސްރާބު ހުރީ ހުދުމުހުތާރުކަމާ ދިމާލަށް ކަމަށެވެ.

"ދައުލަތުގެ ލިބޭ އާމްދަނީން ސިޔާސީ ޕާޓީތަކަށް ލާރި ދޭ އުސޫލު އެއީ ރަނގަޅު އުސޫލެއް. އެއާ އެއްކޮށް ޖުރިމަނާތަކާއި ދެން އެހެރި ކަންތައްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް. އެ މަންޒަރު ކޮންމެ ދުވަހަކު އަޅުގަނޑުމެނަށް ފެންނަމުންމިދަނީ،" ޣަފޫރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމަށް ގެއްލުންވި ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވާތީ އެކަމާ ވެސް ޣަފޫރު ދެކޮޅު ހެއްދެވި އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމަށް ލިބުނީ ފައިދާ ކަމަށެވެ.

"މި މަޖިލީހުގައި ބައެއް ބޭފުޅުން ވިދާޅުވޭ ސިޔާސީ ޕާޓީތައް އައިސްގެނޭ މި ކަންކަން ގޯސްވެގެން މިދަނީ. ނޫނ،ް އެހެނެއް ނޫން. ސިޔާސީ ޕާޓީތައް އައިމަ މި ގައުމަށް ލައްކަ ރަނގަޅުވެގެން ހިނގައްޖެ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.

ވަކި ފަރުދަކު ކުރާ ކުށަކަށް މުޅި ޕާޓީ ޒިންމާވާންޖެހޭ ގޮތަށް ބިލު އޮތުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް، ޕާޓީއަށް ނިސްބަތްވާ މެންބަރަކު ކުރާ ކުށަކުން އެ މެންބަރާ އެކީގައި ޕާޓީ ވެސް ޖޫރިމަނާ ވެގެން މި ދަނީ ބޮޑު އަދަދަކުން. އަޅުގަނޑު ހަމަ ހިތަށްއަރާ އެ މެންބަރު [ކުށުގައި] އެ ބައިވެރިވާ ބައިވެރިވުމަކީ ޕާޓީން ގޮތެއް ނިންމާފައި އޮތް ނިންމުމަކާ ގުޅިގެން ބައިވެރިވާ ބައިވެރިވުމެއްތޯ ވެސް ވިސްނަންޖެހޭ،" ނާޒިލް ވިދާޅުވި އެވެ.

~~

ވަކި ފަރުދަކު ކުރާ ކުށަކަށް ސިޔާސީ ޕާޓީތައް ޒިންމާވާންޖެހުމަކީ ހަމަޖެހެ އުސޫލެއް ނޫނެވެ. ޕާޓީއެއްގެ އެތައް ހާސް މެންބަރުންނެއް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ. ނުކުރެވޭނެކަން ބިލު ފާސް ކުރި ބޭފުޅުންނަށް ވެސް އެނގޭނެ އެވެ. އެހެންކަމުން ބޭނުމަކީ ޕާޓީތަކުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ނަގައި، މާލީ ގޮތުން ދަތިކޮށްލަން ނޫން ކަމަށް ބެލެވޭކަށް ނެތެވެ.