Advertisement

ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ: އިކޮނޮމިކް މިނިސްޓްރީ

about 2 hours 0


ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ: އިކޮނޮމިކް މިނިސްޓްރީ

about 2 hours 0

ރާއްޖެއަށް އިންޑިއާގެ ރުޕޭ ކާޑުގެ ހިދުމަތް ތައާރަފުކޮށް އެ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓުގެ ތެރެއިންނެވެ.

ރުޕޭ ކާޑުގެ ހިދުމަތަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް, ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ މެދުގައި ގުޅުން ވަރުގަދަ ކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ރުޕޭ ކާޑުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު ކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަ ކުރެވި, ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހި ކުރެވި, ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޑިއާ އެކު ވިޔަފާރި ކުރުމަށް ލުއިތައް ލިބޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖެއަށް މުހިންމު ޓޫރިސްޓު މާކެޓަކަށްވާއިރު މި ބަދަލާއެކު ރާއްޖޭގައި ފަސޭހަކަމާ އެކު އިންޑިއާގެ ޓޫރިސްޓުންނަށް މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރުޕޭ އަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު އިފުތިތާހު ކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. އިންޑިއާގެ ފައިސާ، ރުޕީސް އާއި ޕޭމަންޓުގެ ނަމުން ނަން ދީފައިވާ އެ ހިދުމަތް ތައާރަފު ކުރީ އެ ގައުމުގެ އިގުތިސާދުގެ ތެރޭގައި ބޭނުން ކުރާ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމުގެ ބޭނުމުގަ އެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އަވަށްޓެރި ސްރީލަންކާ އަދި މޮރިޝަސްގައި ވެސް ރުޕޭ ކާޑު މެދުވެރިކޮށް ޕޭމަންޓު މިހާރު ހެދެ އެވެ.