މާފަންނުގައި ހުންނަ ބީއެމްއެލްގެ ސެންޓަރެއް. އެ ބޭންކުގެ ހުރިހާ އޭޓީއެމްއަކުން މިހާރު ރުޕޭ ކާޑު ބޭނުން ކުރެވޭނެ --- ފޮޓޯ: އަދަދު ފައިލް
ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޑިއާގެ ރުޕޭ ކާޑު މިއަދުން ފެށިގެން ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.
ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓުގެ ތެރެއިންނެވެ.
ބީއެމްއެލްއިން މިއަދު ހާމަކުރި ގޮތުގައި އެ ބޭންކުގެ އޭޓީއެމްތަކާއި ޕީއޯއެސް ޓާމިނަލްތަކުން މިހާރު ރުޕޭ ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.
ޗައިނާގެ ވީޗެޓް ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ވެސް މިއަހަރުގެ މެއި މަހުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ހަމަޖައްސާފަ އެވެ.
ރުޕޭ އަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު އިފުތިތާހު ކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. އިންޑިއާގެ ފައިސާ، ރުޕީސް އާއި ޕޭމަންޓުގެ ނަމުން ނަން ދީފައިވާ އެ ހިދުމަތް ތައާރަފު ކުރީ އެ ގައުމުގެ އިގުތިސާދުގެ ތެރޭގައި ބޭނުން ކުރާ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމުގެ ބޭނުމުގަ އެވެ.
ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އަވަށްޓެރި ސްރީލަންކާ އަދި މޮރިޝަސްގައި ވެސް ރުޕޭ ކާޑު މެދުވެރިކޮށް ޕޭމަންޓު މިހާރު ހެދެ އެވެ.
Comment