Advertisement

ރަސްމީ ދަތުރެއްގައި އަންނަ އަހަރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރައީސް މުއިއްޒު މޯދީއާ ސަލާމް ކުރައްވަނީ. ދެ ގައުމުގެ މެދުގައި މިއަދު ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައި ---


ރަސްމީ ދަތުރެއްގައި އަންނަ އަހަރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލުކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވި އެވެ. އަދި, އެ ބައްދަލުވުމުގައި ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު ދެއްވައި ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި އެކަން އިއުލާނުކުރެއްވި އެވެ.

"ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް އަޅުގަނޑު ވާނީ ދައުވަތު ދީފަ،" ރައީސް ވިދާޅުވި އެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އެވެ. ނަމަވެސް, ދަތުރު ކުރައްވާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

"ބޮޑުވަޒީރު އެ ދައުވަތު ގަބޫލުކުރެއްވި އަދި ދަތުރު ކުރައްވާނެ ތާރީހުތައް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާނެ," ވިކްރަމް ވިދާޅުވި އެވެ.

ބޮޑުވަޒީރު މޯދީ ކުރައްވާ މި ދަތުރު ވެގެންދާނީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އަދި 2022 ގައި ފުރަމާނަ ދަތުރެއްގައި ވެސް މޯދީ މާލެ ވަޑައިގެންނެވި އެވެ.