Advertisement

އިންޑިއާއާއެކު ސޮއިކުރި އެމްއޯޔޫއިން ޕޮލިސް ކޮލެޖުގެ ގާބިލުކަން އިތުރުވާނެ: ފުލުހުން

އައްޑޫ ޕޮލިސް އެކަޑަމީ: އިންޑިއާއާއެކު ސޮއިކުރި އެމްއޯޔޫއިން ޕޮލިސް ކޮލެޖުގެ ގާބިލުކަން އިތުރުވާނެ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން


އިންޑިއާއާއެކު ސޮއިކުރި އެމްއޯޔޫއިން ޕޮލިސް ކޮލެޖުގެ ގާބިލުކަން އިތުރުވާނެ: ފުލުހުން

އިންޑިއާގެ ރާޝްތިރިޔާ ރަކްޝާ ޔުނިވާސިޓީ އޮފް އިންޑިއާ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރި އެމްއޯޔޫއިން ޕޮލިސް ކްލަބްގެ ގާބިލުކަން އިތުރުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ކެޕޭސިޓީ ބިލްޑުކޮށް، ފުލުހުންނަށް ތަމްރީން ދިނުމުގައި އިންޑިއާއިން ބޮޑު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

"ރާޝްތިރިޔާ ރަކްޝާ ޔުނިވާސިޓީން ކޮލިޓީ ރަނގަޅު ފުލުހުންގެ ޕްރޮގްރާމްތައް ހިންގާ ތަނެއް. އެއްބަސްވުމުން ދެ ގައުމަށް ވެސް ފައިދާވާނެ،" ޝިފާން ވިދާޅުވި އެވެ.

ޕޮލިސިން، އިންޓާނަލް ސެކިއުރިޓީ، އަދި އެއާ ގުޅުންހުރި ދާއިރާތަކުން މަތީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގާކަން ޝިފާން ފާހަގަ ކުރެއްވި އެވެ.

އެ އެމްއޯޔޫގައި ރާއްޖެއިން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ބޯޑާ މެނޭޖްމަންޓް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ސެކްރެޓަރީ ޑރ. ރާޖެންދުރަ ކުމާރެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި ރާއްޖޭން އިންޑިއާއެކު ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި، ޖުޑީޝަލް އޮފިސަރުން ތަމްރީން ކުރުމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުމަކާއި ކަރަންސީ ސްވޮޕްގެ އެއްބަސްވުމެއް ހިމެނެ އެެވެ.