Advertisement

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމު ކުރަން ދެ ގައުމުގެ ވެރިން މަޝްވަރާކޮށްފި

ެަރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ސަލާމްކުރައްވަނީ. ރައީސް މުއިއްޒަކީ އިންޑިއާއަށް ރަސްމީ ދަތުރެއް ކުރެއްވުން އެންމެ ލަސްކުރެއްވި އެއް ރައީސް. ފޮޓޯ: ރައީސް އޮފީސް


އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމު ކުރަން ދެ ގައުމުގެ ވެރިން މަޝްވަރާކޮށްފި

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމު ކުރުމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

އައްޑޫގައި އެގައުމުގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ފާސްކުރީ 2021 ގަ އެވެ. ނަމަވެސް އެކަން މަޑުޖެހިފައި އޮތީ މިދިޔަ ސަރުކާރުން އެކަމަށް ބޭނުންވާ ހުއްދަ ނުދޭތީ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށާއި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ މަޝްވަރާތައް ރައީސް މުއިއްޒު އާއެކު ކުރައްވާފައި ވާނެ ކަމަށެވެ.

"އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށާއި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް މަޝްވަރާ ކުރެވުނު، މި ކަންކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.

ކޮންސިއުލޭޓުތައް ގާއިމު ކުރުމުގެ އިތުރުން ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުން އިތުރުކުރާނެ ކަމަށާ ދިފާއީ ގޮތުން ތަފާތު ގިނަ ދާއިރާތަކުން ރައީސް މުއިއްޒާ އެކު މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމާ ގުޅޭގޮތުން އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިދިޔަ އޯގަސްޓު މަހު ރާއްޖެ ވަޑައިގެން އުޅުއްވިއިރު، ވެސް މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް ސަރުކާރުން އެކަން ރަސްމީކޮށް އޭރު ހާމައެއް ނުކުރެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ މަޝްވަރާތައް ރައީސް މުއިއްޒު އާއި މޯދީ އާ ދެމެދު ކުރިއަށް ގެންގޮސްފައިވާއިރު، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިން އަޑުއުފުލި އެވެ. އަދި ސޭވް އައްޑޫގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ކޮންސިއުލޭޓެއް ގާއިމުކުރުމާ ދެކޮޅަށް އޭޑު އަޑުފުލި ބައެއް ބޭފުޅުން، މި ސަރުކާރުގެ ކެބިނެޓުގައި އެބަ ތިއްބެވި އެވެ.