Advertisement

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދައިފި

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން -- ފޮޓޯ: ބިޒްނަސް ޓުޑޭ


އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދައިފި

ދިވެހި ރާއްޖޭއަށް އިންޑިއާގެ ރުޕޭ ކާޑުގެ ހިދުމަތް ތައާރަފުކޮށް އެ ކާޑު ބޭނުން ކޮށްގެން ފުރަތަމަ ޕޭމަންޓު މިއަދު ހަދައިފި އެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓުގެ ތެރެއިންނެވެ.

ރުޕޭ އަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު އިފުތިތާހު ކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. އިންޑިއާގެ ފައިސާ، ރުޕީސް އާއި ޕޭމަންޓުގެ ނަމުން ނަން ދީފައިވާ އެ ހިދުމަތް ތައާރަފު ކުރީ އެ ގައުމުގެ އިގުތިސާދުގެ ތެރޭގައި ބޭނުން ކުރާ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމުގެ ބޭނުމުގަ އެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ސަބަބުން އިންޑިއާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާއިރު، އެންމެ ދުރު ރަށްރަށުގެ އެންމެ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ޔޫޕީއައި މެދުވެރިކޮށް މުއާމަލާތްކޮށް ޑިޖިޓަލް ޕޭމަންޓުތައް ހަމަޖައްސަ އެވެ.

ޔޫޕީއައިގެ މުއާމަލާތްތަކުގެ ފަސޭހަކަމާއި ސްޕީޑަށް ބަލާއިރު 2023 ވަނަ އަހަރު ޔޫޕީއައި މެދުވެރިކޮށް 100 ބިލިއަނަށް ވުރެ ގިނަ މުއާމަލާތްތަކުން 24 ބިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހަދާފައިވެ އެވެ.

އެންމެ ފަހުން ޔޫޕީއައިގެ ހިދުމަތް ފަށާފައި މި އަހަރުގެ ފެބްރުއަރީގައި ސްރީލަންކާ އަދި މޮރިޝަސްގަ އެވެ. އެންޕީސީއައިގެ އެންމެ މައިގަނޑު ޕްރޮޑަކްޓަކީ ރޫޕޭ ކާޑެވެ.