Advertisement

ޔޫގާންޑާ ސީރީސް މުބާރާތުން ނަބާ އާއި ނަބީ އަށް ލޯ މެޑަލެއް

6 އޮކްޓޯބަރު 2024 - 15:42 0


ޔޫގާންޑާ ސީރީސް މުބާރާތުން ނަބާ އާއި ނަބީ އަށް ލޯ މެޑަލެއް

6 އޮކްޓޯބަރު 2024 - 15:42 0

ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އަށް ލޯ މެޑަލެއް ލިބިއްޖެ އެވެ.

ނަބީ އާއި ނަބާގެ ޕެއާ ވަނީ ކުއާޓާ ފައިނަލުން މޮޅުވެ، ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުގައި ޔޫއޭއީގެ ނިދީ ދޭސާއި އާއި ސްރީޔުތުކާ ސްރީޖިތު ޕަރޯލްގެ ޕެއާ އަތުން ބަލިވީ، ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-14، 15-21 އަދި 21-18 އިންނެވެ.

މިއީ، ނަބާ އާއި ނަބީ، ރިވައިވަލްއާ އެކު ޕެއާއެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މުބާރާތެވެ.

ނަބީ އާއި ނަބާ އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭން އެންމެ ކާމިޔާބު ޕެއާ އެވެ. އެ ގޮތުން، މިހާތަނަށް، އެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން، ދެ ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

ރިވައިވަލް އިން ޔޫގާންޑާ މުބާރާތުގެ ހަތަރު އިވެންޓެއްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެ ގޮތުން، އަންހެން ސިންގަލްސްގައި ނަބާ އާއި ނަބީގެ އިތުރުން، ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ވާދަކުރިއިރު، މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރި އެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާގައި، ކުއާޓާގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިންޑިއާގެ، ނިތިން އާއި ވެންކަޓާގެ ޕެއާ އަތުން ބަލިވީ 21-15، 21-17 އިންނެވެ. މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ، ކުއާޓާގައި ބަލިވީ، މެލޭޝިއާގެ އެންޑީ ޔޫ އާއި ލޯ ޒީ ވެއި ގެ ޕެއާ އަތުންނެވެ. އެއީ، ތިން ސެޓު ކުޅެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 08-21، 21-16 އަދި 21-17 އިންނެވެ.

އަންހެން ސިންގަލްސްގައި ނަބީ ވަނީ ކުއާޓާގައި، އިންޑިއާގެ ފަރްޒާ ނަޒްރިން އަތުން 21-18، 21-15 އިން ބަލިވެފަ އެވެ. އަދި ނަބާ ވަނީ އަޒަރުބައިޖާންގެ އީރާ މަފްތުހާ އަތުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 21-08، 21-14 އިންނެވެ.