ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ . -- ފޮޓޯ: އަދަދު
ރާއްޖޭގެ ހާލަތު ބަދަލުކޮށް "ދިވެހީންގެ ރާއްޖެ" ބިނާ ކުރަން 15 އަހަރު ވެރިކަމުގައި ތިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަހު އަސްލު ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ތިން ދައުރު އެއް ވެރިކަމެއް އޮންނަނެ ޖެހޭ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު އޮންނަ ވެރިކަން ކަމަށް ވިދާޅުވެފަ އެވެ.
"ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާ ކުރުމަށްޓަކައި އެބަ ބޭނުންވޭ 10 ވަރަކަށް 15 ވަރަކަށް އަހަރު ވެރިކަމެއް އޮންނަން؛ އެ ވެރިކަމަކަށް ބަލާއިރު ރައީސް މުއިއްޒުގެ ސިޔާސަތަކީ އެއީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން އެކަކަށް ވެރިކަން ކުރެއްވޭނީ ފަސް އަހަރުގެ ދެ ދައުރުގަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އެގޮތުން ވިސްނުން ހުރީ މި ދައުރުގައި އެކަނި ވެރިކަން ކުރަން ނޫންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ދައުރެއް ރައީސް މުއިއްޒުއަށް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމާއި މަޖިލިސް މެމްބަރުން ވެސް ވިދާޅުވެފައިވެ އެވެ. އަދި ޕީއެންސީގެ މަސައްކަތްތައް ބައްޓަން ކުރަމުން ދަނީ އެ މަގުން ކަމަށް އޭރު ވެސް ބުނެފައިވެ އެވެ.
ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އަބްދުއްރަހީމް ވަނީ، ރައީސް މުއިއްޒު ވަޑައިގަންނަވަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ކަމަށް ވިދާޅުވެފަ އެވެ. މިކަން މިގޮތަށް ވެއްޖެ ރައީސް މުއިއްޒު ވެވަޑައިގަންނަވާނީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ވެރިކަން ދިފާއުކުރާ ފުރަތަމަ ރައީސަށެވެ.
Comment