Advertisement

މޯދީއަށް ފުރައްސާރަކުރުމުން ބުކިންތައް ކެންސަލްކުރި "އީޒް މައި ޓްރިޕް" އިން ރާއްޖެއަށް އަލުން ބުކިންތައް ހުޅުވާލައިފި

މި އަހަރު ކުރީކޮޅު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް: އެ ގައުމުގެ މަޝްހޫރު ޓްރެވަލް އެޖެންސީ "އީޒް މައި ޓްރިޕް" އިން ރާއްޖެއަށް އަލުން ބުކިންތައް ހުޅުވާލީ މިއަދު --- ފޮޓޯ: އަދަދު


މޯދީއަށް ފުރައްސާރަކުރުމުން ބުކިންތައް ކެންސަލްކުރި "އީޒް މައި ޓްރިޕް" އިން ރާއްޖެއަށް އަލުން ބުކިންތައް ހުޅުވާލައިފި

މި ސަރުކާރުގެ ކުރީގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާކުރުމާ ގުޅިގެން ރާއްޖެއާ ދެކޮޅަށް ހިންގި ބޮއިކޮޓު ހަރަކާތުގައި، ބުކިންތަކެއް ކެންސަލްކުރި އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް" އިން އަނެއްކާވެސް ރާއްޖެއަށް ބުކިން ހަދަން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ރާއްޖެއަށް ހަދާފައި ހުރި ހުރިހާ ފްލައިޓު ބުކިންތަކެއް ކެންސަލްކުރީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. އެ ކުންފުނީގެ ސީއީއޯ ނިޝާންތު ޕިއްޓީ އޭރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފިޔަވަޅަކީ ގައުމީ ރޫހެއްގައި އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

އަލުން ބުކިންތައް ހުޅުވާލިކަންވެސް އިއުލާނުކުރީ ނިޝާންތް އެވެ. މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، އަލުން ބުކިންތަކަށް ހުޅުވާލީ ދެ ގައުމުގެ ސަރުކާރުން ކުރި މަސައްކަތްތަކާއެކު ގުޅުން ބަދަހިވަމުންދާތީ ކަމަށެވެ.

"މި ނިންމުން ނިންމީ މި ފަހުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން އިންޑިއާއަށް އައިސް އަޅުގަނޑުމެންގެ އޮފީހުގައި ބޭއްވި މަޝްވަރާތަކަކަށްފަހު. އީޒް މައި ޓްރިޕް އަކީ ނޭޝަން ފަސްޓު ކުންފުންޏެއް ކަމުން މި ކުންފުނިން އަބަދުވެސް އިންޑިއާގެ ސަރުކާރަށް ތާއީދުކުރާނެ،" އޭނާ ލިޔެފައިވެ އެވެ.

ޖެނުއަރީ މަހު ފެށި ބޮއިކޮޓު ކެމްޕޭނުގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންވެސް ބައިވެރިވި އެވެ. އެ ކެމްޕޭނުގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ޖުމްލަ 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އޭގެ ނުވަ މަސްފަހުން، އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު ބައި ލައްކަ އަށްވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24، ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 146،057 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ނަމަވެސް މި މަހުގެ 24 އާ ހަމައަށް ރާއްޖެ އައީ 88،202 ޓޫރިސްޓުންނެވެ. މި ދެ އަދަދު އަޅާކިޔާއިރު، 57،855 ޓޫރިސްޓުންގެ ތަފާތެއް އެބައުޅެ އެވެ.

މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އޭރު ތިބި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އެ މައްސަލާގައި މުއްދަތެއް ނެތް ގޮތަށް އެ ތިން ނައިބު ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ.

އޭގެ ތެރެއިން ޝިއުނާ އަދި މަލްޝާ އެ މަގާމުން އިސްތިއުފާ ދިނީ ސަސްޕެންޝަނުގައި ތިއްބަވައިގެން މުސާރަ ނަންގަވާތާ އަށް މަސްވެފައިވަނިކޮށް ސެޕްޓެމްބަރު 10، ގަ އެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ނެގި އެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ އިސްތިއުފާދެއްވި މަލްޝާއަށް ސަރުކާރުގެ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެސިސްޓެންޓު ޑިރެކްޓަރުގެ މަގާމު ދީފަ އެވެ. އެޗްޑީސީގެ އެސިސެޓެންޓު ޑިރެކްޓަރެއްގެ މުސާރައަކީ 33،000ރ. އެވެ. މިއީ ނައިބު ވަޒީރެއްގެ ގޮތުގައި ހުރިއިރު ލިބުނު މުސާރައަށް ވުރެ އެންމެ 2000ރ. މަދު އަދަދެކެވެ.