Advertisement

ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

4 އޮކްޓޯބަރު 2024 - 19:45 1

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް އަރިހުގައި، ޔޫއެންޖީއޭގެ ރައީސްކަން ޝާހިދު ކުރިން ކުރެއްވި. ފޮޓޯ: ސޯޝަލް މީޑިއާ


ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

4 އޮކްޓޯބަރު 2024 - 19:45 1

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ގުޓާރެސްއާ ބައްދަލުކުރެއްވުމަށް ފަހު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަން (އައިސީއޯ) އާ އެކު މިހާރު ކުރައްވާ މަސައްކަތުގެ މައުލޫމާތު އެ ބައްދަލުވުމުގައި ގުޓާރެސް އަށް ދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

އައިސީއޯ އަކީ ބައިނަލް އަގުވާނީ އެންޖީއޯ އެކެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ކުރާ މަސައްކަތަކީ ޑިޕްލޮމެޓިކް ގޮތުން ކުރާ މަސައްކަތްތަކަށް އެންމެ މަތީ ދަރަޖައިގައި މަދަދުކޮށް، މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. ބައިބައިވުމާއި ހަމަ ނުޖެހުން އުފެދިފައިވާ މުޖުތަމައުތަކުގެ މެދުގައި އިތުބާރު އުފައްދައި އެއްބައިވަންތަ ކުރުވުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ކުރާ މަސައްކަތެކެވެ.

"ވަކިފަރާތަކަށް ނުޖެހި ކުރާ މުއާމަލާތްތަކުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތްކުރަނީ ދެމެހެއްޓެވި ސުލްހައާއި އެއްބާރުލުމަށް ބޭނުންވާ ވަސީލަތްތަކާއި ބައިވެރިވުން ހުރިހާ މުޖުތަމައަކަށް ވެސް ލިބޭކަން ކަށަވަރުކޮށްދޭން،" ގުޓާރެސްއާ ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އައިސީއޯ ގައި އޭނާ މިހާރު އަދާކުރައްވަނީ އިންޓަނޭޝަނަލް އެމްބެސެޑަރުގެ މަގާމެވެ.