Advertisement

ރައީސް އިންޑިއާއަށް ވަޑައިގަންނަވާނީ މިމަހު ހަޔަކުން 10 އަށް ކަން އިއުލާނުކޮށްފި

4 އޮކްޓޯބަރު 2024 - 15:48 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ރައީސް އެ ގައުމަށް ވަޑައިގަންނަވާނީ އާދިއްތަ ދުވަހު --- ފޮޓޯ: ރައީސް އޮފީސް


ރައީސް އިންޑިއާއަށް ވަޑައިގަންނަވާނީ މިމަހު ހަޔަކުން 10 އަށް ކަން އިއުލާނުކޮށްފި

4 އޮކްޓޯބަރު 2024 - 15:48 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވަނީ މި މަހު 7 އިން 10 އަށް ކަމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ އެ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައީސް އަދި އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ދަތުރުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ އެވެ. އިންޑިއާ ދަތުރުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ ވަފުދެއްބައިވެރިވާނެ ކަމަށްވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ދިވެހި ސަރުކާރުން ރައީސްގެ ދަތުރު ފެށޭ ތާރީހުގެ ގޮތުގައި އޮކްޓޯބަރު 6، އިއުލާނު ކުރި ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ރަންދިރު ޖައިސްވާލް ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވަނީ އޮކްޓޯބަރު 7، ގައި ކަމަށެވެ.

އެހެންކަމުން، ބެލެވޭ ގޮތުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ ދަތުރަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް ފައިސާގެ އެހީ ހޯދުމަށް މަޝްވަރާ ކުރަން ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން ދެ ގައުމުގެ ސަރުކާރުންވެސް ބަހެއް ނުބުނެ އެވެ.

މިދިޔަ ނޮވެމްބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގެން އިންޑިއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭގެ އިތުރުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.

ނަމަވެސް, މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުންނެވެ.

ސަރުކާރުގެ މާލީ ހާލަތު ގޯސްވެފައިވާއިރު ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް ގައުމަކީ އިންޑިއާ އެވެ.