Advertisement

ބައްސާމުގެ ދެ އެޕާޓްމަންޓް ފުލުހުުންގެ ބެލުމުގެ ދަށަށް

4 އޮކްޓޯބަރު 2024 - 07:29 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު، އޭނާގެ އެެޕާޓްމަންޓްތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި. ފޮޓޯ:އަތޫފް އާތިފު/އަދަދު


ބައްސާމުގެ ދެ އެޕާޓްމަންޓް ފުލުހުުންގެ ބެލުމުގެ ދަށަށް

4 އޮކްޓޯބަރު 2024 - 07:29 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު، ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގް ތަކެއް ކަމަށްވާ އަމީން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ މީޑިއޯ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބައްސާމްގެ ދެ އެޕާޓްމަންޓް މިމަހުގެ ހަވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކުރީ ސެޕްޓެމްބަރު 28، ގަ އެވެ.

"އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެފްއޭއެމް އަށް ފީފާއިން ދިން ފައިސާ އިން، ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން،، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ)ގެ މައްޗަށެވެ.

އެ ގޮތުން، ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯންގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ވަނީ ހަރަދުކޮށްފަ އެވެ.

އެ ގޮތުން، އޭޕްރީލް 14، 2021 ވަނަ ދުވަހު ލިބުނުު، އެއް މިލިއަން ޑޮލަރު (15،420،000 ރުފިޔާ)، އަމީން ކޮންސްޓްރަކްޝަން އަށް ދީފައިވަނީ، 20، އޭޕްރީލް 2021 ގައި، 6،168،000 ރުފިޔާ، 31 އޮކްޓޫބަރު 2021 ގައި 3،084،000 ރުފިޔާ އަދި 30 ނޮވެމްބަރު 2021 ގައި 6،168،000 ރުފިޔާ އެވެ.

ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު، ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

ފީފާ އިން މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު ނިންމީ، ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ބައްސާމް ވަނީ އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާތީ، ބައްސާމް ނުވަ މަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށެވެ.

ބައްސާމްގެ މައްޗަށް މި އަހަރު ޕީޖީން ދައުވާކުރި މަނީ ލޯންޑަރިން މައްސަލަ އަށް ބަލާއިރު، އޭނާ ވަނީ ފީފާ އިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ފޮނުވައި ބޭނުންކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އިންތިހާ ދަރަޖަ އަށް ދަށަށް ގޮސްފައިވާއިރު، ފީފާ އިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކޮށްފަ އެވެ.