Advertisement

ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުން: ޕޮލިސީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދު

3 އޮކްޓޯބަރު 2024 - 14:50 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: އިސްމާއީލް އިމްދާދު


ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުން: ޕޮލިސީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދު

3 އޮކްޓޯބަރު 2024 - 14:50 1

ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 173 ރިސޯޓު މިވަގުތު ހިންގަ އެވެ. އެއީ މީހުން ދިރިއުޅޭ އެޑްމިނިސްޓްރޭޓިވް ރަށްތަކާ ގާތްގަނޑަކަށް އެއްވަރެއްގެ އަދަދެކެވެ. މީހުން ދިރިއުޅެނީ ރާއްޖޭގެ 187 ރަށުގަ އެވެ.

އެ ހުރިހާ ރިސޯޓަކުން ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރިސޯޓުތަކުން ޑޮމެސްޓިކް ބޭންކުތަކަށް ވެއްދީ އެންމެ 68 މިލިއަން ޑޮލަރެވެ.

އެކަން ބަދަލުކޮށް، ބޭންކިން ނިޒާމަށް ޑޮލަރު އިތުރު ކުރަން ސަރުކާރުން މި ވަނީ އާ ޕޮލިސީއެއް ތައާރަފުކޮށްފަ އެވެ. އޭގެ ދަށުން، ރިސޯޓަކަށް އަންނަ ކޮންމެ ގެސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮމެސްޓިކް ކޮންމެވެސް ބޭންކަކަށް އެ ފެސިލިޓީއަކުން ޑޮލަރު މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކުން ކޮންމެ ގެސްޓަކަށް 25 ޑޮލަރުގެ މަގުން ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެ ބަދަލުތަކާ ދެކޮޅަށް ޓުއަރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިން ވަރަށް އަވަހަށް، ނިކަން ބާރަށް ތެދުވެއްޖެ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ނުވަތަ މަޓީ އިން ވަނީ އެ މައްސަލައިގައި ބަޔާނެއް ނެރަފަ އެވެ. އެ ޖަމިއްޔާއިން ބުނީ ޕޮލިސީ ބަދަލު ކުރީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

އެ ބަދަލަށްފަހު "އަދަދު" އާ ވާހަކަ ދެއްކި ޓުއަރިޒަމް އިންޑަސްޓްރީގެ ވިޔަފާރިންގެ ހިޔާލު ހުރީ ވެސް ޕޮލިސީއާ ދެކޮޅަށެވެ. ވިޔަފާރިވެރިން ބުނަނީ އެއީ އިންޑަސްޓްރީގެ ހަގީގަތާ ނުބައްދަލު، ބޭއިންސާފު ނިންމުމެއް ކަމަށެވެ.

އެކަމަކު، ތިން ގަވާއިދަކަށް ބަދަލު ގެނެސް ސަރުކާރުން އަންގާރަ ދުވަހު ތައާރަފު ކުރި ޕޮލިސީއަށް ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ދަނީ ތާއީދު ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ، ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުވުމަކީ، ރައްޔިތުން އަދި ގައުމަށް ފައިދާ ހުރި މުހިންމު ނިންމުމެއް ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުން ފާޅު ކުރާ ހިޔާލުތަކަށް ބަލާއިރު ގިނަ ބަޔަކު ބުނަނީ އެއީ ގެންނަންޖެހި، ނުގެނެވި ލަސްވެފައި އޮތް ބޮޑު ބަދަލެއް ކަމަށެވެ.

"ތިޔަ ދާއިރާއަށް ސަރުކާރުތަކުން ކުލި މައާފުކޮށްދޭ. ޖޫރިމަނާ މައާފުކޮށްދޭ. މުއްދަތު އިތުރުކޮށްދޭ. އާމްދަނީން އެންމެ ލޯ ލާރިއެއް ވެސް މަދުނުވާ ގޮތަށް ޑޮލަރުކޮޅެއް މާރުކޮށްލަން ޖެހިގެން ހާދަ ވަރެކޭ މި އަރަނީ،" ޑޮކްޓަރު ބަކުރުގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ މީހަކު ބުނެފައި އޮތެވެ.

ރިސޯޓުތަކަށް ދައުލަތުން ދެމުން އަންނަ ލުޔާ އެއްވަރަށް، ރިސޯޓުތަކުން ދައުލަތަށް އަދި އާންމުންނަށް ފައިދާވާ ނުވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އަދި އެކަން ބަދަލުވާންޖެހޭ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

"މީހުން ދިރިއުޅޭ ރަށްތަކާ އެއްވަރަށް ރިޒޯޓުތައް އެބަހުރި! ރިޒޯޓުތަކުގެ 'ދާއިމީ ވެރިންނަކީ' މަދު ބައެއް ބޭންކަށް [ރިސޯޓުތަކުން] މާރު ކުރަނީ [ލިބޭ އާމްދަނީއަށް ވުރެ] ތިން ޕަސެންޓަށް ވުރެ ކުޑަ އަދަދެއް! [ރިސޯޓުތަކަށް] ހުރިހާ ލުޔެއް ދޭން ޖެހޭ!،" 1މޯލްޑިވިއަންގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ބްލެކް މާކެޓަކީ ވެސް ރިސޯޓުތަކުން "އުފައްދައިގެން އުޅޭ" އެއްޗެކެވެ. ރާއްޖޭގެ ރަށްތަކާއި ރީތިކަން ވިއްކައިގެން ހޯދާ އާމްދަނީ މި ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުވާންޖެހޭ ކަމަށް ބައެއް މީހުން ބުންޏެވެ.

"އެމީހުން [ރިސޯޓު އޯނަރުން] ތަ އަދިވެސް ރުޅި އަންނަންވީ؟ ގައުމުގެ އެންމެ ބޮޑު ރިސޯސް ވިއްކައިގެން ހޯދާ ފައިސާ މި ގައުމުގެ އިގްތިސާދަށް ނުވައްދައި މިތާ ޑޮލަރުގެ ބްލެކް މާކެޓް ހަދައިގެން ރައްޔިތުން ފެލާތާ ކިތައް އަހަރު؟،" އަބްދުﷲ މުއާން ކިޔާ ހޭންޑަލަކުން އެކްސްގައި ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ބުނީ ރިސޯޓު ހިންގާ ކޮންމެ ރަށެއްގައި ދައުލަތުގެ، ރައްޔިތުންގެ ހިއްސާއެއް އޮންނަ ވާހަކަ އެވެ. ރިސޯޓު ހިންގާ ކޮންމެ ރަށަކީ، ރިސޯޓު އޯނަރުންގެ މިލްކެއްގެ ގޮތުގައި ބެލުން ހުއްޓާލަންޖެހޭ ކަމަށް ބައެއް މީހުން ބުންޏެވެ.

"ޓުއަރިޒަމް ދާއިރާގެ ހަގީގަތަކީ ބޭރު ފައިސާއިން ވައްކަން ކުރުމާއި މުއްސަނދިން މުއްސަނދިވުން. ވިއްކަނީ ރައްޔިތުންގެ ގުދުރަތީ ވެށި،" ރަށުމީހާ-4 ގެ ނަމުގައި އެކްސްގައި ޕޯސްޓުކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.

ޓުއަރިޒަމް އިންޑަސްޓްރީން ގައުމަށް އަދި ރައްޔިތުންނަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ގައުމުގެ އެންމެ އަގުބޮޑު ސިނާއަތުގެ ގޮތުގައި އޮވެފައިމެ، ރައްޔިތުންނަށް އަދި ގައުމަށް އެކަށީގެންވާ ފައިދާއެއް ނުވާ ކަމަށް ބައެއް މީހުން ދެކެ އެވެ.

"ކުކުޅު ރަން ބިސް އަޅާތާ ގަރުނެއްވަނީ. ރައްޔިތުން އަދިވެސް ސަލާންޖެހުމުގަ. ހައްލެއް ނުހޯދުނެއްނު،" ކަރީމް-އެމްވީގެ ނަމުގައި ހިޔާލުފާޅުކުރާ މީހަކު އެކްސްގައި ބުނެފައި އޮތެވެ.

ސަރުކާރުން އަލަށް ތައާރަފު ކުރި ޕޮލިސީއާ ޓުއަރިޒަމް އިންޑަސްޓްރީގެ ބައެއް ސްޓޭކްހޯލްޑަރުން ދެކޮޅުވުމުން އެކަމާމެދު ވެސް ބައެއް މީހުން ހިތްހަމަނުޖެހުނެވެ. ޓުއަރިޒަމް ވިޔަފާރި ކުރާ މީހުން އެ ޕޮލިސީއާ ދެކޮޅުވުމުން ބައެއް މީހުން އައީ ރުޅި އެވެ.

"ފެށުނީއްސުރެ ތިޔަ އިންޑސްޓްރީ ކޮންޓްރޯލް ކުރަމުން އަންނަނީ ތިން، ހަތަރު މަހުޖަނަކު. އެހެން މީހަކަށް ޑޮލަރެއް ލިބެން ވެސް އަދި ގެޔަށް ޑޮލަރެއް ވައްދަން މަސައްކަތެއް ކުރާކަށް ވެސް އެމީހުން ނޭދޭނެ. ނަގަންވީ 500 ޑޮލަރެއް ނޫން، ހުރިހާ ޑޮލަރެއް ބޭންކަށް ވައްދާފަ ދެން ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަންވީ،" ރިންޒީގެ ނަމުގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.

ހިޔާލުފާޅު ކުރި ބައެއް މީހުން ބުނެފައި ވަނީ ދައުލަތުން ރިސޯޓުތަކާމެދު ލުއި ގޮތްތަކެއް އަބަދުވެސް ހަދައިދޭއިރު، ރިސޯޓުތަކުން ވެސް އެކަން ބަލައިގަންނަންޖެހޭ ކަމަށެވެ. ގައުމުގެ އިގްތިސާދަށް ފައިދާވާ ނަމަ އެކަމަށް ވިޔަފާރިތަކުން އެއްބާރުލުންދޭންޖެހޭނެ ކަމަށް ބައެއް މީހުން ބުނެފައި ހުއްޓެވެ.

"މަދު ވިޔަފާރިވެރިން ކޮޅެއްގެ ފައިދާއަށް އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތުމަކީ ހާދަ ބޮޑު އަނިޔާއެކޭ. މިހާރު ވެސް ސަރުކާރުން ވަރަށް ލީނިއަންޓުކޮން އެ ވިޔަފާރި ވެރިންނަށް ކަންތައްކޮށްދިނީ. މިއަދު މިއީ އެމީހުންގެ ޒިންމާ. އިގްތިސާދު ހަރުދާނަ ކުރަން މި ނޫން ގޮތެއް ނެތް،" އަހުމަދު ޝަރުމީލުގެ ނަމުގައި ހަރަކާތްތެރިވާ މީހަކު ބުނެފައި އޮތެވެ.

----

ޓުއަރިޒަމް ފެސިލިޓީތަކުން ޑޮމެސްޓިކް ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމަކީ ބޮޑު ބަދަލެކެވެ. އެ ބަދަލާއެކު ބޮޑު ބަހުސެއް ވެސް އުފެދިއްޖެ އެވެ. ޔަގީންވާ އެއް ކަމަކީ ރިސޯޓުތަކުން އާންމުންނަށް އެކަށީގެންވާ ފައިދާއެއް ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމެވެ.

މި ބަހުސަކީ ކުރަންޖެހޭ ބަހުސެކެވެ. އެއީ ދައްކަންޖެހޭ ވާހަކައެކެވެ. ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން ވިޔަފާރިތައް ފުނޑުމަކީ ވެސް ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫނެވެ. ހަމަ އެގޮތަށް ރިސޯޓުތަކަކީ، ގައުމުގެ ރަށްތަކާއި ރީތިކަން ވިއްކައިގެން އާމްދަނީ ހޯދާ ބަޔަކަށްވާތީ، އޭގެ ފައިދާ ވެސް ރައްޔިތުންނަށް ފެންނަންޖެހެ އެވެ.

އެ ފައިދާ ނެރެންޖެހޭނީ ދައުލަތުންނެވެ. އެކަމަކު އިންސާފުވެރި ގޮތަކަށެވެ.