3 އޮކްޓޯބަރު 2024 - 11:29 1
އަހުމަދު އާއިދު
ޓީއެމްއޭގެ ސީޕްލޭނެއް: އެ އެއާލައިނު ހިމެނޭހެން އެހެން ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދޭން އުނދަގޫވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީން ވަނީ ބުނެފަ ---- ފޮޓޯ: އަދަދު
3 އޮކްޓޯބަރު 2024 - 11:29 1
ޓުއަރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް ބޭރު ފައިސާގެ ގަވާއިދަށް އިސްލާހު ގެނައުމާއެކު، ރިސޯޓުތަކުގައި ހިންގާ އެހެން ވިޔަފާރިތަކާއި އެއާލައިން ފަދަ ތަންތަނަށް ޑޮލަރުން ފައިސާ ދޭން އުނދަގޫ ވާނެ ކަމަށް ޓުއަރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ބުނެފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ރިސޯޓުތަކުގެ ވެރިން ހިމެނޭހެން މިފަދައިން ބުނަން ފެށީ، ޑޮލަރުން ކުރަން ޖެހޭ ހޭދަތައް ކުރުމަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވުމާ އެކު ދަތިތަކެއް އަންނާނެ ކަމަށް ބުނެ އެވެ.
މިއާއެކު ޓީއެމްއޭ ފަދަ ފަތުރުވެރިން އުފުލާ އެއާލައިންތަކަށް ރިސޯޓުތަކުން މިހާރު ޑޮލަރުން ދައްކާ ފައިސާ ދެން ރުފިޔާއިން ދެއްކުމުގެ ފުރުސަތު ބޮޑެވެ.
އެއާލައިންތަކުގެ އިތުރުން ޑޮލަރުން ފައިސާ ދޭން ދަތިވާނެ ކަމަށް ރިސޯޓުތަކުން ބުނާ ވިޔަފާރިތަކުގެ ތެރޭގައި ވަކިން ހިންގާ ޑައިވިން ސެންޓަރުތަކާއި ފޮޓޯގްރަފީ ހިދުމަތް ދޭ ފަރާތްތައްވެސް ހިމެނޭނެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ޖެހެ އެވެ.
މި ބަދަލަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޖަމިއްޔާތަކާ ތަޖުރިބާކާރުން އަދި ވިޔަފާރިވެރިންނާ މަޝްވަރާކުރުމެއް ނެތި ގެނައި ބަދަލެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް ގެއްލުން ވާނެ ކަންވެސް ދަނީ ފާހަގަކުރަމުންނެވެ.
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުމާ އެ ފަރާތްތަކުން ދެކޮޅެއް ނޫނެވެ. ނަމަވެސް ސަރުކާރުން މިހާރު އެކުލަވާލާފައިވާ ފޯމިއުލާ ބަދަލުކޮށް ހަރުދަނާ ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީން ދަނީ ގޮވާލަމުންނެވެ.
މި ކަންބޮޑުވުންތަކާއެކު ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވަނީ އިއްޔެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ ބައްދަލުވެސް ކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.
Comment