Advertisement

ރާއްޖޭން ދައުވަތު ގަބޫލުކޮށްފައިވަނިކޮށް ނޭޕާލް މުބާރާތް ކެންސަލް

1 އޮކްޓޯބަރު 2024 - 13:11 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅެނީ،---- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރާއްޖޭން ދައުވަތު ގަބޫލުކޮށްފައިވަނިކޮށް ނޭޕާލް މުބާރާތް ކެންސަލް

1 އޮކްޓޯބަރު 2024 - 13:11 0

ނޭޕާލްގައި އަންނަ މަހު ބާއްވަން މަސައްކަތް ކުރި، ޓްރައި ނޭޝަންސް ކަޕްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭން ގަބޫލުކޮށްފައިވަނިކޮށް، އެ މުބާރާތް އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އިން ކެންސަލްކޮށްފި އެވެ.

ނޮވެމްބަރު މަހު، ނޭޕާލުން ތިން ގައުމެއްގެ މެދުގައި ކުޅޭ، އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތް ފަށައި، ގައުމުތަކަށް ދައުވަތު ފޮނުވިއިރު، އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ރާއްޖޭން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުގެ އެ ދައުވަތު ގަބޫލުކޮށް، އެ މުބާރާތުގައި ކުޅެން ނިންމި ނަމަވެސް އެ މުބާރާތް ފަހުން މި ވަނީ ކެންސަލްކޮށްފަ އެވެ.

"ނޭޕާލްގެ މުބާރާތުގައި ބައިިވެރިވާން ފޮނުވި އިންވިޓޭޝަން ގަބޫލުކޮށްފައި އޮއްވައި، އެ މީހުން އެ މުބާރާތް ކެންސަލްކޮށްލީ. ދެން، އެ ކޮޅުން (ނޭޕާލުން) ނިންމާފައި އޮތީ އެހެން ގައުމެއްގައި އޮތް މުބާރާތެއްގައި ކުޅެން،" ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް، މިއަދު، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ވިދާޅުވި އެވެ.

ރާއްޖޭން އެންމެ ފަހުން އިންވިޓޭޝަން ކަޕެއްގައި ކުޅުނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި، ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައި އޮތްއިރު، އެންމެ ފަހުން ގައުމީ ޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު، ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭނެ ސީދާ ތާރީހެއް ނޭނގެއިރު، ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންނަނީ މި މަހު ފަހުކޮޅުގައި، ފަށާ އޭއެފްސީ ޗެލެންްޖް ލީގަށް ފަރިތަކުރަމުންނެވެ.

ޖައުޝަން ވިދާޅުވީ، ނޭޕާލް މުބާރާތުގެ ކަންކަން އެހެންދިޔަ ނަމަވެސް، ނޮވެމްބަރު މަހު، އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މެލޭޝިއާ އާއި ސްރީ ލަންކާ އިން ފޮނުވި ދައުވަތު ވެސް ގަބޫލުކޮށްފައިވާނެ ކަމަށާާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ މެޗުތަކާ ގުޅޭ ކަންކަން ސާފުވެގެންދާނެ ކަމަށެވެ.