1 އޮކްޓޯބަރު 2024 - 11:35 0
އަހުމަދު އާއިދު
ރާއްޖެއާ ސައުދީއާ ދެމެދު ވިޔަފާރި ކުރިއަރުވަން އިއްޔެ އެމްއޯޔޫއެއްގައި ސޮއިކުރަނީ --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
1 އޮކްޓޯބަރު 2024 - 11:35 0
ވިޔަފާރީގެ މަޝްވަރާތަކަށް މިވަގުތު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެ ގައުމާއެކު ރާއްޖެއިން ވިޔަފާރީގެ ގުޅުން ބަދަހިކުރަން ގާއިމުކުރާ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޑރ. މާޖިދު ބިން އަބްދުﷲ އަލްކައްސާބީ އެވެ. އޭނާ ދަނީ އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑުގެ ޗެއާމަން ކަންވެސް އަދާކުރައްވަމުންނެވެ.
މިއަދު ނެރުނު ބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެމްއޯޔޫއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިވެ، އިންވެސްޓުމަންޓު ފުރުސަތުތައް އިތުރުވެ، މާލީ ގުޅުންތައް ވެސް އިތުރަށް ކުރިއަށްދާނެ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރި އާއި ފަތުރުވެރިކަން އަދި އިމާރާތް ކުރުމުގެ ދާއިރާއަށް އިންވެސްޓުމަންޓުތައް ލިބިގެންދާނެ ކަމަށެވެ.
މި އެމްއޯޔޫއަކީ ކުރިއަށް އޮތް ތަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސޯދީ ތަސައްވުރު ފުއްދުމަށް ލިބިގެންދާނެ ބާރެއް ކަމަށާއި މިއީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް އިއްޔެގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި ކަމަށް އޭނާގެ ވުޒާރާއިން ބުންޏެވެ.
ސައީދު ސައުދީގެ އިންވެސްޓްމަންޓު މިނިސްޓަރާއެކު އިއްޔެ ބައްދަލުކުރައްވަނީ --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ސައީދު, ސައުދީއަށް ވަޑައިގެންނެވިކަން މިނިސްޓްރީން އަދި އޭނާވެސް ހާމައެއް ނުކުރައްވަ އެވެ. އެނބުރި ވަޑައިގަންނަވާ ދުވަހެއް ވެސް ސާފެއް ނޫނެވެ.
ކޮމާސް މިނިސްޓަރުގެ އިތުރުން ސައީދު ވަނީ މި ދަތުރުގެ ތެރެއިން ސައުދީގެ އިންވެސްޓްމަންޓު މިނިސްޓަރު އިބްރާހިމް އަލްމުބާރަކް އާވެސް ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ބައްދަލުވުމަށް ފަހު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުގައި މަސައްކަތް ކޮށް އާ ދާއިރާތަކަށް އިންވެސްޓްމަންޓުތައް ހޯދުމަށް ދެ ގައުމުން ވެސް އޮތީ ތައްޔާރަށް ކަމަށެވެ.
ވިޔަފާރީގެ މަޝްވަރާތަކަކަށް، އަދި ރައީސް މުއިއްޒުގެ ސިޓީއެއް ސައުދީގެ ސަރުކާރަށް އެރުވުމަށް ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް މިދިޔަ މަހު އެ ގައުމަށް ވަޑައިގެންނެވި އެވެ. ޒަމީރު މިހާރު ވަނީ ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment