Advertisement

ޗައިނާ އެފްޓީއޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު އިކޮނޮމިކް މިނިސްޓަރަށް ނޭނގޭ

3 މާރިޗު 2025 - 11:38 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު: އޭނާ ވިދާޅުވީ އިމްޕޯޓު ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީން، އެފްޓީޢޭއާ ގުޅިގެން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޗައިނާ އެފްޓީއޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު އިކޮނޮމިކް މިނިސްޓަރަށް ނޭނގޭ

3 މާރިޗު 2025 - 11:38 1

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށް އަމަލު ކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބެއްގައި ސައީދު ވިދާޅުވީ ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެތެރެ ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަގަށް ކަމަށެވެ.

"ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން ދިވެހިރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ އަގަށް. އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމަލާތްތަކެއް ކަމުގައި ވާތީ އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތްތައް ހިނގާ ނިމުމުން،" ސައީދުގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.

ސައީދު އެހެން ވިދާޅުވިއިރު، މި އަހަރުގެ ތެރޭގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު ދަށްވެފަ އެވެ. ނަމަވެސް އެއީ ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން އައި ބަދަލެއް ނޫން ކަމަށް މިދިޔަ މަހު ބޭއްވި އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.

އެ ދުވަހު އޭނާ ވިދާޅުވީ އެފްޓީއޭގެ ދަށުން ޑިއުޓީ މައާފުވީ ނިސްބަތުން މަދު މުދަލެއްގެ ކަމަށެވެ. އަދި އެހައިތަނަށް އެއް ބިލިއަން ރުފިޔާގެ މުދާ ގެނެސްފައިވާ ކަމަށާއި އެ މުދަލުގެ ސީއައިއެފް ވެލިއު އަކީ 34 މިލިއަން ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ. އޭގެތެރެއިން އެފްޓީއޭގެ ދަށުން މައާފުވީ އެންމެ 2.3 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ މުޅި ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓު. އެހެންވީމަ އެފްޓީއޭ އަކާ އެޔަކާ [އާމްދަނީ ދަށްވުމަކާ] ގުޅުމެއް ނެތް. މި އައި ވެއްޓުމުގެ ގުޅުމެއް އެފްޓީއޭ އަކާ ނެތް،" ސައީދު ވިދާޅުވި އެވެ.

އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީ ދަށްވި ސަބަބުން އާންމުންނަށް އޮޅުންފިލުވައިދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ މަދުވުމާ ގުޅުމެއް ނެތް ކަމަށް ސައީދު ވިދާޅުވި ނަމަވެސް، އެ ގައުމުން ރާއްޖެއަށް އެތެރެކުރާ 70 އިންސައްތަ ބާވަތުގެ ތަކެތިން ޑިއުޓީ މައާފު ކުރުމުން އެ ތަކެތިން މީގެ ކުރިން ދައުލަތަށް ލިބެމުން އައި އިމްޕޯޓު ޑިއުޓީ މަދުވާނެ އެވެ.