Advertisement

ގައުމިއްޔަތުގެ ނަމުގައި ހުސް ވާހަކަ ދެއްކުން ފިޔަވައި ސަރުކާރަށް ކުރެވުނު ކަމެއް ނެތް: ތޯރިގު

1 އޮކްޓޯބަރު 2024 - 11:48 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޯރިގު. ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ކުރަމުންދާ ކަންކަމަށް ފާޑުވިދާޅުވި ---- ފޮޓޯ: އެމްޑީޕީ


ގައުމިއްޔަތުގެ ނަމުގައި ހުސް ވާހަކަ ދެއްކުން ފިޔަވައި ސަރުކާރަށް ކުރެވުނު ކަމެއް ނެތް: ތޯރިގު

1 އޮކްޓޯބަރު 2024 - 11:48 3

ގައުމިއްޔަތު ކުރިއެރުވުމާއި ދިރުވައި އާލާކުރުމުގެ ނަމުގައި ހުސް ވާހަކަ ދެއްކުން ފިޔަވައި މި ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް މިދިޔަ ސަރުކާރުގައި ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ބާއްވަމުންދާ "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ތޯރިގު ވަނީ މި ސަރުކާރުގެ ގައުމިއްޔަތު ދިރުވުމުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.

"ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ވާހަކަ ތަންކޮޅެއް ގަދަޔަށް ދައްކާނެ އެއްބައި ދުވަސްވަރު, ތަންކޮޅެއް މަޑުކޮށްލާނެ. އެ ގަދަޔަށް މި ދައްކަނީ މި ބޭފުޅުން ސަރުކާރުގެ ތެރެއިން ހިންގަން, ހަގީގަތުގައި ރަށްރަށުގެ ތަރައްގީއަށާއި ރާއްޖޭގެ ތަރައްގީއަށް ކުރަން ފަށާފައި ހުރި ބައިވަރު ކަންކަން އެބަހުރި, އެކަންކަން ކުރިއަކަށް ނުހިނގާ. އެ ކަންތައްތައް އޮއްބައިލުމަށް ޓަކައި ދައްކާ ވާހަކައެއްގެ ގޮތުގައި ސިފަކުރެވެނީ," ތޯރިގު ވިދާޅުވި އެވެ.

އަންނަން އޮތް ޖީލުތައް ބިނާކުރެވޭނީ ސްކޫލްތަކުގެ ތެރެއިން ކަމަށާއި ނަމަވެސް މި ސަރުކާރުން ގައުމިއްޔަތު ދިރުވުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު ކުރަމުންދާ މަސައްކަތްތައް ބުނެ ނުދެވޭ ކަމަށް ތޯރިގު ވިދާޅުވި އެވެ. ވަރުގަދަ ގައުމިއްޔަތެއް އުފައްދަން ޖެހޭ ކަމަށާއި ނަމަވެސް އެ މަގަށް ސަރުކާރުން ކަން ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމިއްޔަތަކީ ކޮބައިކަން ގައުމިއްޔަތާ ބެހޭ މިނިސްޓްރީގައި ހުންނަވާ ސްޓޭޓް މިނިސްޓަރެއް ނޫނީ ޑެޕިއުޓީ މިނިސްޓަރެއް ނޫނީ ވަޒީރު, ތިން ބޭފުޅެއް ކައިރީގައި އައްސަވާބައްލަވާ ގައުމިއްޔަތަކީ ކޮބައިތޯ. ތިން ބޭފުޅުން ވިދާޅުވާނީ ތިން ގޮތަށް. އެއްގޮތަކަށް ތިން ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ. އެ ބޭފުޅުންނަށް ވެސް އެ ބޭފުޅުން ކުރައްވަން އެ އުޅެނީ ކޮން ކަމެއްކަން ނޭނގޭކަން," ތޯރިގު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއަށް ގެންނަން އުޅުއްވާ ގައުމިއްޔަތު ވިސްނައިދީފައި އޮތް ގޮތަށް ނުގެނެވޭ ކަމަށާއި ނަމަވެސް އެކަންކަން ކުރިއަށްދާ ކަމަށް ރައީސަށް މިނިސްޓްރީން ވިސްނައިދީފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ހުސް ވާހަކަތަކެއް ހަމަ. ހުސް ވާހަކަތަކެއް ދެއްކުމުގެ އިތުރަށް ކުރެވޭ އެއްވެސް ކަމެއް ނެތް މިހާތަނަށް."

ގައުމިއްޔަތެއް އުފެއްދުމުގައި އެންމެ މުހިންމު ކަމަކީ ގައުމީ އަބުތާލުންގެ ޒިކުރާ އާކުރުން ކަމަށާއި މާއްދީ ތަރިކަ ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

މިފަހުގެ ތާރީހެއްގައި ސަރުކާރަކުން ގައުމިއްޔަތަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފެއްދީ ރައީސް މުއިއްޒުގެ މި ސަރުކާރުގަ އެވެ. ނަމަވެސް, އެ މިނިސްޓްރީން މިހާތަނަށް ގައުމީ ފެންވަރުގެ ޖަލްސާތައް އެހެން އަހަރުތަކެކޭ އެއްގޮތަށް ބޭއްވުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނުވެ އެވެ.