1 އޮކްޓޯބަރު 2024 - 07:22 0
އަތޫފް އާތިފް
ލަންކާގެ އީގަލްސް އަންހެން ޓީމު ސުޕަ ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް
1 އޮކްޓޯބަރު 2024 - 07:22 0
ރާއްޖޭގައި ކުރިއަށްދިޔަ ބާސްކެޓް ބޯލް ސުޕަ ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ލަންކާގެ އީގަލްސް ކުލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ އަންހެން ފައިނަލް މެޗުގައި ރާއްޖޭގެ ކުއީންސް ބާސްކެޓްބޯލް ކުލަބްގެ މައްޗަށް އީގަލްސް އިން ކުރިހޯދީ 74-72 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު, އީގަލްސް އޮތީ އެއް ޕޮއިންޓުން ކުރީގަ އެވެ. އެއީ 24-23 އިންނެވެ. އެކަމަކު ދެވަނަ ކުއާޓާގައި އީގަލްސް ފެނިގެންދިޔައީ ތަފާތު މޮޅުކޮށެވެ. މި ކުއާޓާގައި އެ ޓީމުން 20 ޕޮއިންޓް ސްކޯކުރިއިރު, ކުއީންސް އަށް ސްކޯކުރެވުނީ 13 ޕޮއިންޓެވެ. އެކަމަކު ކުއީންސް އިން ވަނީ ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް 16 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި އީގަލްސް އަށް ސްކޯކުރެވުނީ 14 ޕޮއިންޓެވެ. އެކަމަކު ހަތަރުވަނަ ކުއާޓާގައި ދެ ބާސްކެޓް އިތުރަށް ސްކޯކޮށް އީގަލްސް މެޗުން މޮޅުވީ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ރާއްޖޭގެ ކުއީންސް ޓީމުގެ ފާތިމަތު ރިޝްމާ އެވެ.
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ލަންކާގެ އީގަލްސް ފިރިހެން ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު ސްޕޯޓްސް
މީގެ އިތުރުން ރޭ ވަނީ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ވެސް ކުޅެފަ އެވެ. މި މެޗުގައި ރާއްޖޭގެ ރެޑްވިންގްސް ބާސްކެޓްބޯލް ކުލަބުން ނުކުތީ ލަންކާގެ އީގަލްސްއާ ދެކޮޅަށެވެ. މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 77-71 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި ރެޑްވިންގްސް ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ކުއާޓާ ނިމުނުއިރު, ރެޑްވިންގްސް އިން ވަނީ 25-17 އިން ލީޑުކޮށްފަ އެވެ. އެކަމަކު, ދެ ވަނަ ކުއާޓާގައި އެ ޓީމު ފެނިގެންދިޔައީ ދަށްކޮށެވެ. މި ކުއާާޓާގައި އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް 25 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި ރެޑްވިންގްސް އަށް ސްކޯކުރެވުނީ 14 ޕޮއިންޓެވެ.
ތިން ވަނަ ކުއާޓާގައި ވެސް ރެޑްވިންގްސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގާ މި ކުއާޓާގަިއ އީގަލްސް އިން ވަނީ 29 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި ރެޑްވިންގްސް އަށް ސްކޯކުރެވުނީ އެންމެ 12 ޕޮއިންޓެވެ. މެޗުގެ ފަހު ކުއާޓާގައި ރެޑްވިންގްސް އިން 20 ޕޮއިންޓް ސްކޯކުރި އެވެ. މި ކުއާޓާގައި އީގަލްސް އިން ސްކޯކުރީ ހަ ޕޮއިންޓެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އީގަލްސްގެ ނިމޭޝް އެވެ.
Comment