Advertisement

ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ވަގަށް ނެގި ފައިސާ ބީއެމްއެލް އިން އަނބުރާ ޖަމާކޮށްދީފި

ބީއެމްއެލްގެ އޭޓީއެމަކުން އެ ބޭންކުގެ ކަސްޓަމަރެއް ފައިސާ ނަގަނީ -- ފޮޓޯ: ބީއެމްއެލް


ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ވަގަށް ނެގި ފައިސާ ބީއެމްއެލް އިން އަނބުރާ ޖަމާކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން އެ ކުންފުނީގެ މުވައްޒަފަކު ނެގި ފައިސާ އަނބުރާ އެ ކަސްޓަމަރުންނަށް ޖަމާކޮށްދީ، އެފަދަ ކަމަކުން އެއްވެސް ކަސްޓަމަރަކަށް މާލީ ގެއްލުމެއް ލިބުނަ ނުދޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފި އެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމަރުންތަކެއްގެ އެކައުންޓުން އެ ބޭންކުގެ މުވައްޒަފަކު ފައިސާ ނެގިކަން ފާހަގަވުމާ އެކު ވަގުތުން މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކި ކުރި ކަމަށެވެ.

އިތުރަށް ބެލި ބެލުމުން އެ މުވައްޒަފު އަމަލު ކުރީ ބޭންކުގެ ޕޮލިސީ ޕްރޮސީޖާ އާ ހިލާފަށްކަން އެނގުނު ކަމަށާއި އޭރު ކަސްޓަމަރުންގެ އެކައުންޓުތަކުން ނެގި ފައިސާ ހުރީ އޭނާގެ އަމިއްލައަށް ބޭނުން ކޮށްފައި ކަމަށް ބީއެމްއެލުން ބުންޏެވެ.

ނަމަވެސް ކަސްޓަމަރުންގެ އަތުން ގެއްލުނު ފައިސާ ބީއެމްއެލުން މިހާރު ވަނީ އެ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން 480,000ރ. އަށްވުރެ ގިނަ ފައިސާ ނެގުމުން ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ. އޭނާއަކީ ސެޕްޓެމްބަރު 2012, އިން ފެށިގެން އޮކްޓޯބަރު 2021, ގެ ނިޔަލަށް ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ކަސްޓަމަރުންގެ އެކައުންޓުތަކުން މާޒިން ފައިސާ ނެގީ މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 އާ ދެމެދު ކަން، ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގެ އެވެ.

އެ މުއްދަތުގައި އެކި ދުވަސް މަތިން 13 ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުގެ ސިސްޓަމުން ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ ހުއްދަ ނެތި ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށް އޭނާ ވަނީ ފައިސާ ނަގައިފަ އެވެ.

ވަނަ އަހަރު ބޭންކުން މޯލްޑިވސް ޕޮލިސް ސަރވިސް އަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅި ބޭންކުގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލަ ތަހްޤީޤު މަރުހަލާ ނިމި ކްރިމިނަލް ކޯޓުން އިއްޔެ މިވަނީ ޙުކުމް ކުރައްވާފައެވެ.

އެގޮތުން, ޖުމުލަ 482,611ރ. އެ އެކައުންޓްތަކުން އޭނާ ނެގި އެވެ. އެ ފައިސާ އޭނާ ބޭނުންކުރީ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައި އާއި ފޮރެކްސް ޓްރާންސެކްޝަންތަކާއި އަމިއްލަ އެކައުންޓަށް ޖަމާކޮށްގެންނެވެ.

އެ ކުށަށް އޭނާ އިއުތިރާފުވުމާ ގުޅިގެން 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 56,200ރ. ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ބީއެމްއެލުން ބުނީ އެއްވެސް މުވައްޒަފަކު ބޭންކުގެ އުސޫލުތަކާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ ބޭންކުން އަބަދު ވެސް އަޅާނެ ކަމަށެވެ.

އަދި، އެފަދަ އެއްވެސް ކަމަކުން ބީއެމްއެލްގެ އެއްވެސް ކަސްޓަމަރަކަށް މާލީ ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ބީއެމްއެލުން ވަނީ ދީފަ އެވެ.