Advertisement

ޑޮލަރުގެ ތާށިކަން ބޮޑުވެ ބީއެމްއެލްގެ ފިކްސްޑް ޑިޕޮސިޓު ޑޮލަރު އެކައުންޓުތަކުން ފައިސާ ނަގަން ފަށައިފި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއަކުން ފައިސާ ނަގަނީ -- ފޮޓޯ: ބީއެމްއެލް


ޑޮލަރުގެ ތާށިކަން ބޮޑުވެ ބީއެމްއެލްގެ ފިކްސްޑް ޑިޕޮސިޓު ޑޮލަރު އެކައުންޓުތަކުން ފައިސާ ނަގަން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެ، އެ ބޭންކުގައި ހުރި ޔޫއެސްޑީ ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކުން ފައިސާ ނަގަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ބޭންކުގައި ހުރި ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކުގެ ބައެއް ވެރިންނަށް ބީއެމްއެލްއިން މިހާރު ވަނީ ގުޅައި ފައިސާ ބޭނުން ކުރުމުގެ ހުއްދައަށް އެދިފަ އެވެ.

އެއީ ބޭންކުގެ ދިގު ތާރީހުގައި ކުރިން ކަންތައް ކޮށްފައިވާ ގޮތެއް ނޫންކަން މި ނޫހަށް އެނގިފައިވެ އެވެ.

ފިކްސް ޑިޕޮސިޓް އެކައުންޓުތަކުން ޑޮލަރު ނަގަން މި ފެށީ ރުފިޔާ އެކައުންޓުތަކަށް ދެމުން އަންނަ ޑޮލަރު ސަޕޯޓަށް ބޭނުންވާ ފައިސާ ބޭންކަށް ނުލިބޭތީ އެވެ.

މި މައްސަލައިގައި ބީއެމްއެލްގެ ކޮމެންޓެއް މިއަދު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކަކީ ވަކި މުއްދަތެއް ވަންދެން ބޭންކުގައި ބަހައްޓައިގެން އިންޓްރެސްޓުގެ ގޮތުގައި ފައިދާ ލިބޭ އެކައުންޓުތަކެކެވެ. ބީއެމްއެލްގެ ފިކްސްޑް ޑިޕޮސިޓު އެކައުންޓުތަކުގައި ފައިސާ ބެހެއްޓެނީ ހަ މަހަށާއި 12 މަހަށެވެ. އިންޓްރެސްޓު ރޭޓުތައް ބިނާވަނީ އެކައުންޓުގައި ބަހައްޓާ ފައިސާގެ އަދަދަށެވެ.

ވަކި ހާލަތެއްގައި ފިކްސްޑް ޑިޕޮސިޓް އެކައުންޓުތަކުން ވެސް ފައިސާ ނެގެ އެވެ. ނަމަވެސް އެއިރުން އިންޓްރެސްޓް ކަނޑާލުމުގެ އިހުތިޔާރު ބޭންކަށް އޮވެ އެވެ. ފިކްސް ޑިޕޮސިޓް އެކައުންޓުގައި ބަހައްޓާފައި ހުންނަ ފައިސާ ނެގުމުގެ ކުރިން ކަސްޓަމަރުންގެ ހުއްދަ ހޯދަނީ، މެޗުއާވުމުގެ ކުރިން ވެސް ފައިސާ ނެގުމުގެ އިހުތިޔާރު ކަސްޓަމަރަށް އޮންނާތީ އެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އެ ބޭންކުގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން މިދިޔަ އޯގަސްޓު 25، ގައި ނިންމި އެވެ.

ނަމަވެސް އެ ނިންމުމަކީ އިދިކޮޅާ ގުޅިގެން ބީއެމްއެލްއިން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ސިފަކޮށް ސަރުކާރުން އަންގައިގެން އެ ނިންމުން ބަދަލު ކުރުވި އެވެ. އެ ބަގާވާތުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.