8 އޮކްޓޯބަރު 2024 - 14:20 0
އަތޫފް އާތިފް
ދާދި ފަހުން މާލޭގައި ކުރިއަށްދިޔަ ގައުމީ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް
8 އޮކްޓޯބަރު 2024 - 14:20 0
ކަޒަކިސްތާންގައި އިއްޔެ ފެށި އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ކިރްގިސްތާން ބަލިކޮށްފި އެވެ.
ރާއްޖޭގެ އަންހެން ޓީމުން ކިރްގިސްތާންގެ މައްޗަށް ކުރިހޯދީ 3-1 ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ނުކުތީ, ކުޑުސޯވާ ސައިޑީއާ ދެކޮޅަށެވެ. މި ގޭމުން ދީމާ ބަލިވީ 3-2 އިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ 11-9 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓު ކުޑުސޯވާ ވަނީ 11-9, 11-8 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ހަތަރު ވަނަ ސެޓު ދީމާ ވަނީ 12-10 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު 12-10 އިން ފަހު ސެޓު ކުޑުސޯވާ ވަނީ ކާމިޔާބު ކޮށްފަ އެވެ.
ދެވަނަ ގޭމުގައި އައިޝަތު ރަފާ ނާޒިމް ނުކުތީ، ރަމައިދާ އަބްދިމިޓަލިޕޯވާއާ ދެކޮޅަށެވެ. މި ގޭމު ރަފާ ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މިގޭމުގެ ފުރަތަމަ ދެ ސެޓު ރަމައިދާ ކާމިޔާބުކުރީ 13-11, 11-7 އިންނެވެ. އެކަމަކު, ޖެހިގެން އައި ތިން ސެޓު ރަފާ ވަނީ, 11-5, 13-11 އަދި 11-8 އިން ކާމިޔާބުކޮށް މި ގޭމު ކާމިޔާބު ކޮށްފަ އެވެ.
ތިން ވަނަ ގޭމުގައި މިޝްކާ މުހައްމަދު އިބްރާހީމް ނުކުތީ ކިރްގިސްތާންގެ މުރަތަލިއެވާ ރައިއަނާއާ ދެކޮޅަށެވެ. މި ގޭމު މިޝްކާ ވަނީ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. މި ގޭމުގެ ސެޓުތައް ދިޔައީ, 11-4, 11-6 އަދި 12-10 އިންނެވެ.
ހަތަރު ވަނަ ގޭމުގައި ދީމާ ނުކުތީ ރަމައިދާއާ ދެކޮޅަށެވެ. މި ގޭމު ރަފާ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށް މެޗުން ރާއްޖެ މޮޅުކޮށްދީފަ އެވެ. މި ގޭމުގެ ސެޓުތައް ދިޔައީ, 11-8, 11-5 އަދި 11-7 އިންނެވެ.
އިއްޔެ, ރާއްޖޭގެ އަންހެން ޓީމުން ވަނީ އުޒްބެކިސްތާންއާ ދެކޮޅަށް ވެސް ކުޅެފަ އެވެ. އެ މެޗުން ބަލިވީ 3-1 ގޭމުންނެވެ.
މީގެ އިތުރުން، ޗައިނީސް ޓައިޕޭއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ބަލިވީ ސީދާ ތިން ގޭމުންނެވެ.
މި ނަތީޖާތަކާ އެކު ރާއްޖެ ހިމެނޭ ގްރޫޕް ހަތަރެއްގެ ތިން ވަނައިގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ލިބުނު ހަތަރު ޕޮއިންޓާ އެކުގަ އެވެ.
މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ގަތަރާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ, 3-1 ގޭމުންނެވެ. ދެ ވަނަ މެޗުގައި, ސިންގަޕޫރު އަތުން ސީދާ ތިން ގޭމުން ވަނީ ބަލިވެފަ އެވެ.
ތިން ޓީމު ހިމެނޭ މި ގްރޫޕްގެ ދެ މެޗުން ރާއްޖެ ބަލިވުމުން، ގްރޫޕް ނިންމާލީ ފުލުގަ އެވެ.
Comment