Advertisement

ސަލްމާން މިސްކިތުގެ އިމާމު ޖަލީލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

ސަލްމާން މިސްކިތުގެ އިމާމު، އަބްދުލްޖަލީލް އިސްމާއިލް -- ފޮޓޯ: ރައީސް އޮފީސް


ސަލްމާން މިސްކިތުގެ އިމާމު ޖަލީލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަނު ކޮށްފައި ހުރި އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިމަހުގެ 19، ގައި ކަމަށެވެ.

ޖަލީލުގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ ޖެނުއަރީ 2، 2022، ގައި މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، 44، އާއިލާއިންނެވެ.

އެ އާއިލާއިން ތުހުމަތު ކުރަނީ ލިޔެކިޔުންތައް ބަދަލު ކޮށްގެން ހާޝިމްގެ ހުރިހާ ވިޔަފާރިތަކެއް ޖަލީލުގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި، ހާޝިމްގެ މަރުގައި ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަަމަށް އެ އާއިލާއިން ތުހުމަތު ކުރެ އެވެ.

ހާޝިމްގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ފުލުހުން އޭރު ތަހުގީގު ވެސް ކުރި އެވެ. ނަމަވެސް އެ ތަހުގީގު ނިމުނު ގޮތެއް ނޭނގެ އެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލު އާ ދެމެދު މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ހާޝިމްގެ އާއިލާއަށާއި ޖަލީލުއަށް ވެސް އިރުޝާދު ދީފައިވާނެ ކަމަށެވެ.