Advertisement

މީހަކު މަގުމައްޗަށް ނުކުންނަތާ ފަސް މިނެޓު ތެރޭގައި ފުލުހަކު ފެންނަން ޖެހޭ: ކޮމިޝަނަރު

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: މީހަކު މަގުމައްޗަށް ނިކުންނަތާ ފަސް މިނެޓު ތެރޭގައި ފުލުހަކު ފެންނަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ޕޮލިސް


މީހަކު މަގުމައްޗަށް ނުކުންނަތާ ފަސް މިނެޓު ތެރޭގައި ފުލުހަކު ފެންނަން ޖެހޭ: ކޮމިޝަނަރު

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް އިތުރުވާތީ ފުލުހުންގެ ޕޮލިސީއަކީ މިހާރު ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި، ފަސް މިނެޓު ހޭދަވާއިރު ފުލުހަކު ފެންނަން ޖެހުން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މަގުމަތިން ފުލުހުން ފެންނަ އަދަދު އިތުރު ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާރު ޓްރެއިނިން ހަދަމުންގެންދާ ފުލުހުން ޓްރެއިނިންއަށް ނިންމުމަށްފަހު އައުމުން، ފްރަންޓަލައިނުގެ ހިދުމަތަށް ނެރުން ހިމެނޭ ކަމަށެވެ.

"މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނެ، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނެޓު ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ ސީނިއާ މެނޭޖްމަންޓުން ނިންމާފައި ވަނީ ސީނިއާ ފުލުހުން ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި ވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، ފުލުހުންގެ ޕްރެސެންސް އިތުރު ކުރުން ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާ ގޮތަށް ފެށި މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން މާލޭގެ ޓްރެފިކް ބާރު ބޮޑުވާ ގަޑިތަކުގަ ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

"މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން އެބަ ގެންދޭ. އެ ފުލުހުން ތަމްރީންކޮށް ހިދުމަތަށް ނެރުމަށް ގެންދަނީ މަސައްކަތް ކުރަމުން. ގިނަ އަދަދެއްގެ ފުލުހުން ތަމްރީން ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދިނުމާ ދުރުގަ ތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ގެންދަނީ މަސައްކަތް ކުރަމުން،" ޝުޖާއު ވިދާޅުވި އެވެ.

މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރަން ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ވަނީ ގާއިމް ކުރެވިފައި ކަން ފާހަގަ ކުރައްވާ ކޮމިޝަނާ ވިދާޅުވީ ސީނިއާ ފުލުހަކު އެ ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ އެ ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށާއި ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު އެ ސެންޓަރުން ވަގުތުން ބަލައިލެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.