Advertisement

ލެވަކޫސަންއާ އެއްވަރުވި މެޗުގައި ބަޔާންގެ ކޭން އަށް އަނިޔާވެއްޖެ

29 ސެޕްޓެންބަރު 2024 - 09:23 0


ލެވަކޫސަންއާ އެއްވަރުވި މެޗުގައި ބަޔާންގެ ކޭން އަށް އަނިޔާވެއްޖެ

29 ސެޕްޓެންބަރު 2024 - 09:23 0

މިއުނިކް (ސެޕްޓެމްބަރު 29) - ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަންއާ ދެކޮޅަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކުން 1-1 އިން އެއްވަރުވި މެޗުގައި އެ ޓީމުގެ ހެރީ ކޭން އަށް އަނިޔާވެއްޖެ އެވެ.

ކޭންގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން 86 ވަނަ މިނިޓްގައި އޭނާ ބަދަލުކުރި އެވެ. އޭނާ އަށް އަނިޔާވީ، ލެވަކޫސަންގެ އަމީން އަދްލީ ކުރި ޓެކަލް އަކުންނެވެ.

ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ، އަނިޔާގެ ތަފްސީލެއް ދެވޭނީ ޓެސްޓްތައް ހަދައި ނިމުމުން ކަމަށެވެ. އަދި އޭނާ އަކީ ކޭންގެ އަނިޔާގައި ހޭދަވާނެ ސީދާ މުއްދަތެއް ބުނަން ޑޮކްޓަރެއް ނޫން ކަމަށާއި އުންމީދަކީ، ޗެމްޕިއަންސް ލީގުގައި އެސްޓަން ވިލާއާ ކުޅޭ މެޗުގައި ކޭން އަށް ކުޅެވުން ކަމަށް ކޮމްޕެނީ ވަނީ ބުނެފަ އެވެ.

ބަޔާން ދަނޑުގައި ރޭ ލެވަކޫސަނުން ލީޑުނެގީ، 31 ވަނަ މިނިޓްގައި ރޮބާޓް އަންޑްރިޗް ޖެހި ގޯލުންނެވެ. މިއީ، ގްރޭނިޓް ޝަކާ ދިން ބޯޅައަކުން ހަމަޖެހިލައިފައި އަންޑްރިޗް ޖެހި ގޯލެކެވެ. ލެވަކޫސަނަށް ލީޑުގައި އޮވެވުނީ އަށް ވަރަކަށް މިިނިޓް ވަންދެނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ބަޔާނުން ވަނީ، އޭރިއާބޭރުން އަލެކްސަންޑަ ޕަވްލޮވިޗް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.

މެޗުން މޮޅުވާން ބަޔާންގެ ސާޖް ގްނާބްރީ އާއި އަލްފަންސޯ ޑޭޭވީސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއްނުކުރެވުނެވެ.

މި ނަތީޖާއާ އެކު، މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ބަޔާން އަތުން ޕޮއިންޓް ގެއްލުނުއިރު، އެ ޓީމު ލީގުގެ އެއް ވަނައިގައި އޮތީ، ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަން ތިން ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.