Advertisement

މާލީ މައުލޫމާތުތަކުގައި ތަޅުއަޅުވައި، ސިއްރުކޮށްފި، ނަތީޖާ ހިތި

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


މާލީ މައުލޫމާތުތަކުގައި ތަޅުއަޅުވައި، ސިއްރުކޮށްފި، ނަތީޖާ ހިތި

ދައުލަތެއް ދައުލަތަކަށް ވަނީ ރައްޔިތުންނަށް ކަން ހިނގާ ގޮތް އެނގިގެން ރައްޔިތުންގެ ބައިވެރިވުމާއެކީ ކަންކަމުގައި ގޮތް ނިންމާ ނަމަ އެވެ. ވެރިކަމެއްގައި އޮންނަ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާއި ކޯޓުތަކުގެ އެންމެ މަތީ ޒިންމާއަކީ ވެސް އެއީ އެވެ. ވީހާ ވެސް ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ވާނުވާ އަންގައިގެން ކުރާ ކަމެއް ކުރުމެވެ.

އެކަމަކު މިއަދު އެހެން ކަން ހިނގައޭ ބުނެވޭކަށް ނެތެވެ. މީގެ އެއް މިސާލަކީ މި ސަރުކާރުން މާލީ މައުލޫމާތު ހާމަކުރުމުގައި މި ގެންގުޅޭ އުސޫލެވެ.

ސަރުކާރުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓެއް އެންމެ ފަހުން އާންމުކުރީ ޖޫން 20 ގައި މީގެ ސަތޭކަ ދުވަސް ކުރިންނެވެ. މަންތުލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓާއި ގްރީން ފަންޑު ރިޕޯޓެއް އާންމުނުކުރާތާ ހަ މަސް ވެއްޖެ އެވެ.

ހަމަ އެގޮތަށް، މާލީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާންމުކުރަން ޖެހޭ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ދަރަނީގެ ސްޓްރެޓަޖީ ބަޔާނަކީ އާންމުކުރަން ޖެހޭ އެއްޗެއް ކަމަށް ފިނޭންސް މިނިސްޓަރު އަމިއްލައަށް ވިދާޅުވުމަށް ފަހު، މިއަދާ ހަމައަށް އެއިން އެއްވެސް ލިޔުމެއް ރައްޔިތުންނަށް ފެންނާކަށް ނެތެވެ.

ގަވާއިދުން މި ގޮތަށް ޝާއިއުކުރަމުން އައި މާލީ ރިޕޯޓުތައް ފެންނަން ނެތުމާ ގުޅިގެން، މައުލޫމާތުގެ ހުސްކަމެއް އައިސް، ދައުލަތުގެ މާލީ ހާލަތު ވަނީ އަންދާޒާތަކާއި ލަފާކުރުންތަކުގެ ތެރެއަށް ދޫކޮށްލެވިފަ އެވެ. އެންމެ އާދައިގެ ބަހުން ބުނަނީނަމަ ދައުލަތުގެ މާލީ ހާލަތު އޮތީ ވާނުވާގަ އެވެ.

މާލީ ހާމަކަމުގެ ހާލަތަށް މިވަރަށް ވެއްޓުނުއިރު، މިއީ ސަރުކާރުން އެބަޔެއްގެ އަޑުއަހައި، އެ ބަޔަކު ބުނާ ގޮތަށް ހަދާ ކަމަށް ބުނާ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ވޭތުވި އަހަރުތަކުގެ ތެރޭގައި މި ދާއިރާއިން ހޯދި ހުރިހާ ކުރިއެރުމަކާ ހިލާފަށް ކުރެވޭ ކަމެކެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި 2017 އިން ފެށިގެން ސަރުކާރުން އަންނަނީ މާލީ މައުލޫމާތުތައް ހިމެނޭ ރިޕޯޓުތައް މަހުން މަހަށް ގަވާއިދުން ޝާއިއުކުރަމުންނެވެ. އަދި 2019 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހަރަދާއި އާމްދަނީގެ އަދާހަމަ އެނގޭނެހެން އެ މައުލޫމާތުތައް އަައީ ޝާއިއުކުރަމުންނެވެ.

މި މައުލޫމާތުތައް ޝާއިއުކުރުމުގެ މުހިންމުކަން އަންގައިދެނީ ކުރީ ސަރުކާރުގެ ދައުރުގެ ތެރޭގައި ހެދި އައިއެމްއެފްގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަނުންނެވެ. މި އިވެލުއޭޝަން ހެދުމާއެކީ ރާއްޖެ ވެގެން ދިޔައީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި އިވެލުއޭޝަން ހެދި ފުރަތަމަ ގައުމަށެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ސަރުކާރުގެ މާލީ ހާމަކަމުގެ ތެރެއިން ރަނގަޅަށް ކުރަމުން އަންނަ ކަންކަމަށް ބުނީ ފިސްކަލް ރިޕޯޓިން އަދި ފިސްކަލް ފޯކާސްޓިން އާއި ބަޖެޓިންއާ ގުޅޭ ގިނަ ކަންކަމުގައި ރާއްޖެއަށް ލިބުނީ "އެޑްވާންސްޑް" ރޭޓިން އެކެވެ. އެޑްވާންސްޑް ރޭޓިންއަކީ މާލީ މައުލޫމާތު ހާމަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ.

ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަންގައި ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޮތީ މާލީ ހިރާސް ކުޑަކުރުމާ ގުޅޭ ފިސްކަލް ރިސްކް އެނަލިސިސް އަދި މެނޭޖްމަންޓާ ގުޅޭ ރިޕޯޓިން އެވެ. އެއާ އެކީ 2021 ގައި ފުރަތަމަ ފަހަރަށް ފިސްކަލް ރިސްކް ސްޓޭޓްމަންޓެއް ތައްޔާރުކުރެވުނެވެ. އެފަހުން އެ ބަޔާން ވަނީ ސަރުކާރުގެ މާލީ މައުލޫމާތުގެ މުހިންމު ބަޔަކަށް ވެފަ އެވެ.

މާލީ ހާމަކަމުގައި ރާއްޖެއިން ކުރިއަށް އެޅި ފިޔަވަޅުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ބަލައިގަތެވެ. އަދި މިއީ ޕަބްލިކް ފައިނޭންސް މެނޭޖުމަންޓުގައި ރަނގަޅަށް ކުރެވުނު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ހަމައެކަނި ބޭރުގެ އިދާރާތަކުން ނޫނެވެ. މި މައުލޫމާތު މިހެން ފެންނަން ހުރުމުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މެެދުގައި ބަހުސްކުރުމުގެ ޖާގަ ވެސް ހުޅުވިގެން ދިޔަ އެވެ. އަދި ސަރުކާރު ޒިންމާދާރުކުރުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗަކަށް ލިޔުމަކަށް ވެގެން ދިޔަ އެވެ.

މާލީ ހާމަކަމަން ނެތުމުން ރަނގަޅެއް، މޮޅެއް ނެތް، ހުސް ގޯސް

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ދައުލަތުގެ މާލީ ހާލަތަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ބޮޑުންނަށް އެކަނި އެނގޭ މައުލޫމާތެކެވެ. މާލީ ހާލަތު ހުރި ނެތް ގޮތުގެ އެއްވެސް މައުލޫމާތެއް ފެންނަ ހަމައެކަނި ލިޔުމަކަށް އޮތީ މަޖިލީހަށް ހުށަހަޅާ ބަޖެޓު އެކަންޏެވެ.

އެކަމަކު މިއަދު ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއީ އެނގެން ޖެހޭ މައުލޫމާތެވެ. ޕަބްލިކް ފައިނޭންސް މެނޭޖުމަންޓުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ސިއްރުވެރިކަމަށް އާދަވެފައި އޮތް ދައުލަތެއްގައި މިކަން މިގޮތަށް ބަދަލުކުރުމަކީ ފަސޭހަ ފަސޭހަ ކަމެއް ނޫނެވެ.

ދެފުށް ފެންނަ ދައުލަތެއްގެ އަސާސްގެ ތެރެއިން، މާލީ ހާމަކަން ހާސިލުކުރަން ފުރިހަމަކުރަން ޖެހޭ ޓެކްނިކަލް ކަންކަމުގެ އިތުރުން ސިޔާސީ ނިޔަތް ވެސް ބޭނުންވެ އެވެ. އެންމެ ބުރައީ އެކަމަށް ކުރަން ނިޔަތް ގަނެ، ކަން ކުރުމެވެ. މިގޮތަށް ކުރިއަށް އެޅި ފިޔަވަޅުތައް ބޮލާލައި ޖެހުމަކީ އެކަން ކުރި ސަރުކާރަަކަށް ކުރާ ޖެއްސުމެއް ނޫނެވެ. މިއީ އެކަމުގައި ބައިވެރިވި ސިވިލް ސާވަންޓުންނަށް ވެސް ކުރެވޭ މަލާމާތެކެވެ.

މައުލޫމާތު ހިފެހެއްޓުމުން ނިކުންނަ އަނެއް ނުރަނގަޅު ނަތީޖާއަކީ، ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލުމެވެ ފޮރުވަން ކަމެއް ނެތް ހާލަތެއްގައި، މި މައުލޫމާތު ސިއްރުކުރަން ޖެހޭ ހާލަތެއް ނެތެވެ. ހާމަކަން ނެތް ހާލަތެއްގައި، އާންމުންނާއި، އިންވެސްޓަރުންނާއީ މީޑިއާތަަކަށް ދޮރު ހުޅުވިގެން ދަނީ އެ ބަޔަކަށް ފެންނަ ގޮތަކަށް މާލީ ހާލަތާ މެދު ގޮތް ނިންމައި، ކަންކަން ހުރީ އެންމެ ގޯސްކޮށް ކަމަށް ދެކޭށެވެ.

މާލިއްޔަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުން އިތުރަށް ގޯސްވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން މާލީ އިސްލާހުތައް ނޫނީ ފިސްކަލް ރިފޯމް ގެންނަން އުޅޭ ދުވަސްވަރަކަށް ވާތީ އެވެ. ގިނަ ބަޔަކު ބުނަނީ ސަރުކާރަށް ބޮޑު ގޯހެއް ހެދިފައި ނުވާނަމަ، ނޫނީ ނަމްބަރުތަކުގައި ބޮޑު ގޯހެއްނެތް ނަމަ މިއިން އެއްވެސް މައުލުމާތެއް ރައްޔިތުންނަަށް ފޮރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުރިން ފެންނަން އޮތް އެއްޗެއް މިހާރު ފެންނަން ނެތުމުގެ އަނެއް ގޯހަކީ، މައުލޫމާތު އޮޅުވާލުމުގެ ނޫނީ އޮޅުވާލަން އުޅޭ ކަމުގެ ތުހުމަތުތަކަށް ޖާގަ ދެވުމެވެ. ބޭރު ފައިސާގެ ރިޒާވާ ގުޅިގެން މިފަހުން ކުރެވުނު ރިޕޯޓުތަކަކީ މީގެ މިސާލެކެވެ. "އަދަދު" އިން ވާނީ ރާއްޖޭގެ ރިޒާވު ތާރީހުގައި ފުރަތަމަ ފަހަރަށް މައިނަސްވީ ވާހަކަ ރިޕޯޓުކޮށްފަ އެވެ.

މިކަން ދޮގުކޮށް ސަރުކާރުން ބުނީ އެފަދަ ހާލަތެއް އެއްވެސް އިރެއްގައި ކުރިމަތި ނުވާ ކަމަށެވެ. ގޯސް ކުރީ މި ނޫހުން ޝާއިއުކުރި ހަބަރެވެ. އޭރު ސަރުކާރުން ބުނީ އޮގަސްޓުގެ ނިޔަލަށް ރިޒާވު އިތުރުވާނެ ކަމަށެވެ.

ރިޒާވު ހުސްވީ ވާހަކައާ ވިއްދައި ދެން ދައުރުވާން ފެށީ ރިޒާވު މަތިކުރަން ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ ރިޒާވު މަތިވީ ކަން ދައްކަން ޓްރާންސްފާ ކުރަން އުޅޭ ކަމުގެ އަޑުތަކެވެ. ސަރުކާރުން މި ވާހަކަތައް ވެސް ދޮގުކުރި އެވެ. ސަރުކާރުން މިކަން ދޮގު ކުރިއެއް ކަމަކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން ފިނޭންސަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުން މި ތުހުމަތުތަކަށް ބާރު ދެ އެވެ.

ސަބަބަކީ އޮގަސްޓުގެ ނިޔަލަށް އެސްޑީއެފްގައި ހުރި ފައިސާއިން ހަ މިލިއަން ޑޮލަރު މަދުވެފައި، ހަފުތާއެއް ފަހުން އަނެއްކާ ވެސް އިތުރުވެފައި ވާތީ އެވެ. ގައިމު ސަރުކާރުން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް ފެންނަން ހުރި ނަމަ މި ތުހުމަތުތައް ކުރާނެ ޖާގައެއް ނޯންނާނެ އެވެ. އޭގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަށް ޓްރާންސްފާ ކުރާ އަދަދާއި އޭގެ ޖުމްލަ ވެސް ފެންނަން އޮވެ އެވެ.

ރައްޔިތުންގެ ބަސްބުނުމުގެ ހައްގަށް ހުރަސް އަޅައި، ފާޑުކިޔުމުގެ ދޮރުތައް ބަންދުކޮށްފި

މާލީ މައުލޫމާތުތައް ހާމަނުކުރުމުގެ ސަބަބުން ސަރުކާރުގެ ކަންކަމަށް ބަސް ބުނުމުގެ ހައްގަށް ހުރަސް އެޅެ އެވެ. މިއާ ވިދިގެން، މިފަދަ ކަންކަމާ މެދު ރައްޔިތުން ކުރާ ބަހުސްތައް ބުންޏޭ ބުންޏޭއަށްވެ، ފައިދާ ހުރި ބަހުސްތަކަކަށް ނުވެ އެވެ.

މިއަށް ވުރެ ތަރައްގީވެފައިވާ އަދި އަހަރަމެން އެ ފެންވަރަށް ދާން މަސައްކަތްކުރާ ގައުމުތަކުގައި، ހީވާހީވުމަކަށް ގޮތް ނިންމުމަކީ ތަސައްވުރު ވެސް ނުކުރެވޭނެ ހާލަތަކެވެ. ނަމަވެސް ރާއްޖޭގައި މިއަދު ކަން ހިނގަމުންދަނީ މި އުސޫލުންނެވެ. ރައްޔިތުންގެ ބަހުސްތައް ހިނގަނީ އެ މީހަކަށް ފެންނަ ގޮތަކަށް މާލީ ހާލަތާ މެދު ގޮތް ނިންމައިގެންނެވެ.

"ސަރުކާރުން ކަންކުރަމުންދާ ގޮތުން ހީވަނީ ބޮޑު ކަމެއް ފޮރުވަން އުޅޭ ހެން. ނޫނީ ރައްދު ވެދާނެ ގޯސް ބަހަކަށް ބިރުން ތިބެ އެ މައުލޫމާތު ހާމަކުރަން ބޭނުން ނުވެގެން އުޅޭ ހެން. އެކަމަކު މިހެން ކަންކުރީމައި ހުރަސްއެޅެނީ ރައްޔިތުންނަށް ލިބޭ ފާޑުކިޔުމުގެ ހައްގަށް. އެކަން އެގޮތަކަށް ނުކުރެވޭނެ،" ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު މާލީ ތަޖުރިބާކާރަކު ބުންޏެވެ.

މާލީ މައުލޫމާތުތައް ސިއްރުކުރުމުން ސަރުކާރު ޒިންމާދާރުކުރުވަން ވެސް ހުރަސް އެޅެ އެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިހާރު ބުނެވޭނީ މާލީ މައުލޫމާތު ގަސްތުގައި ހިފަހައްޓައި، ރައްޔިތުންގެ ބަސްބުނުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ. މިއީ އަހަރަމެންގެ ޅަފަތުގައި އޮތް ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ.

ސަރުކާރުން ހަރަދުކުރަމުން ދަނީ ރައްޔިތުންގެ ފައިސާ އެވެ. ދަރަންޏެއް ނެގިޔަސް ނަގަނީ ދިވެހި ރައްޔިތުންގެ ނަމުގައި އެންމެން ޒިންމާވާން ޖެހޭ ގޮތަށެވެ. ޓެކުހެއް ނެގިޔަސް ނަގަނީ ހުރިހާ ރައްޔިތުން އެ ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ. އަހަރަމެންގެ ފައިސާއޭ ބުނަނީ މިހެންވެގެންނެވެ. އަހަރަމެންނަށް އަހަރަމެންގެ ފައިސާ ހަރަދުކުރާ ގޮތް އެނގެން ޖެހެ އެވެ.

ރައްޔިތުންގެ ވޯޓު ދީގެން ސަރުކާރެއް ގެންނަނީ މި ފައިސާ ޒިންމާދާރު ކަމާއެކީ ހަރަދުކުރާނެ ކަމަށް އިތުބާރުކޮށްގެންނެވެ. އެހެންވެ ރައްޔިތުންގެ ފައިސާ ހަރަދު ކުރަމުންދާ ގޮތް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. އެއީ އެއްވެސް ސަރުކާރަކަށް އިހުތިޔާރީ ކަމަކަށް ވެގެން ނުވާނެ އެވެ. އެކަން އެގޮތަށް ބަދަލުކުރަން އުޅެންޏާ އެއީ ވަރަށް ބޮޑު ގޯހެކެވެ.

މިކަމަށް ބާރު ދެނީ 2022 ގައި ހަދާފައިވާ ޓެކްސްޕެޔާ ޕާސެޕްޝަން ސާވޭއިންނެވެ. މި ދިރާސާއަށް މައުލޫމާތު ދިން މީހުންނަށް ޓެކްސް ދެއްކުން މައްސަލައަކަށް ނުވި އެވެ. އެންމެން ވެސް ތިބީ ދައްކަން ޖެހޭ ޓެކުހެއް ވެއްޖެއްޔާ އެ ޓެކުހެއް ދައްކަން ތައްޔާރަށެވެ. އެކަމަކު އެ މީހުންގެ ކަންބޮޑުވުމަކަށް އޮތީ ޓެކްސް ފައިސާ ހަރަދު ކުރާ ގޮތް ނޭނގުމެވެ.

މާލީ މައުލޫމާތު ހިފެހެއްޓުމުން ވެއްޓެނީ ސަރުކާރުގެ އަގެވެ. ގެއްލެނީ ސަރުކާރަށް ކުރާ އިތުބާރެވެ. މިއީ ޑިމޮކްރެސީއާ ވެސް ބީރައްޓެހި ކަމެކެވެ. ޖެހުނު ކޮންމެ ތަނަކުން ފައިސާ ހޯދަމުންދާ ދުވަސްވަރެއްގައި، އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރެވޭނެ ކަމެއް ވެސް ނޫނެވެ. ބަޔަކު ނުބުންޏަސް، ކިޔައި ނުދިނަސް ސަރުކާރަށް މިކަންކަން އެނގެން އެބަ ޖެހެ އެވެ.

މި ހުރިހާ ކަމެއް ފޮރުވައިގެން ތިބެ، ސަރުކާރުން ބުނާ ބުނުމަކަށް އިތުބާރުކޮށް އާންމުންނާއި އިންވެސްޓަރުން ގޮތް ނިންމާނެޔޭ ހީކުރުމަކީ ކޮށި ވިސްނުމެކެވެ. މިކަންކަން ދޫކޮށްލައި ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު އިޔާދަކުރަން ސަރުކާރުން އިތުރަށް ލަސްނުކޮށް މާލީ މައުލޫމާތުތައް ހާމަކުރަން ޖެހެ އެވެ. ރިޕޯޓުތައް ގަވާއިދުން ޝާއިއުކޮށް، އެއީ ހާމައަށް ފެންނަން ހުރި އެއްޗަކަށް ހަދަން އެބަޖެހެ އެވެ.

މާލީ މައުލޫމާތުތަކުގައި ތަޅުއަޅުވައިގެން، ހުރިހާ ކަމެއް ސިއްރުކޮށްގެން ހިފަހައްޓާލެވޭނެ ކަަމަށް ހީވުމަކީ ވެސް ކުށް ހީއެކެވެެ. މިއަށް ވުރެ ހާލަތު ގޯސް ނުވަނީސް، ހެދުނު ގޯސްތައް ރަނގަޅުކޮށް، ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު އަލުން ގާއިމުކުރަން ޖެހެ އެވެ. އެންމެންގެ މަސްހަލަތު ހިމާޔަތްކުރެވެން އޮތީ މިގޮތުގެ މަތީންނެވެ.