Advertisement

އާރްޓީއައިތަކަށް ޖަވާބު ނުލިބޭތީ ނޫސްވެރިންގެ ކަންބޮޑުވުން

29 ސެޕްޓެންބަރު 2024 - 16:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނޫސްވެރިންތަކެއް، ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާރްޓީއައި ތަކަށް ޖަވާބު ނުދޭތީ ނޫސްވެރިން ކަންބޮޑުވޭ. ފޮޓޯ: ރައީސް އޮފީސް


އާރްޓީއައިތަކަށް ޖަވާބު ނުލިބޭތީ ނޫސްވެރިންގެ ކަންބޮޑުވުން

29 ސެޕްޓެންބަރު 2024 - 16:10 0

ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ގެ ދަށުން މައުލޫމާތު ހޯދަން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތަކަށް ނުލިބޭތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އަދަދު" އާ ވާހަކަ ދެއްކި ބައެއް ނޫސްވެރިން ބުނީ ގާނޫނުގެ ދަށުން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކަށް ޖަވާބު ދިނުން ލާޒިމުކޮށްފައި އޮތް ނަމަވެސް، އެދެވޭ ގޮތެއްގައި ޖަވާބު ލިބެމުން ނުދާ ކަމަށެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ ސީނިއާ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ޒާހިރު (ހިރިގާ) "އަދަދު" އަށް ވިދާޅުވީ އާރްޓީއައިތަކަށް ޖަވާބު ނުލިބުމަކީ އަބަދުވެސް ކަންބޮޑުވުމެއް ކަމަށާއި މައުލޫމާތު ނުލިބުމުގެ ކަންބޮޑުވުން މިހާރުވެސް އެބަ އޮތް ކަމަށެވެ.

"ޖާނަލިސްޓެއް ގޮތުން މައުލޫމާތު ނުލިބޭ ގޮތަށް ކަންތައްތައް ދިޔުމަކީ ކަންބޮޑުވުމެއް އަބަދުވެސް. އެ ކަންބޮޑުވުން މިހާރު ވެސް އެބަ އޮތް،" ހިރިގާ ވިދާޅުވި އެވެ.

ހުރިހާ ނޫހުގެ އެޑިޓަރު އަބްދުﷲ ޖަމީލް އަހުމަދު ވިދާޅުވީ ހޯދަން ކޮންމެހެން ވެސް މުހިންމު ގިނަ މައުލޫމާތުތައް އާރްޓީއައި ހުށަހެޅުމުން ނުލިބި،އަޑުއެހުމެއް ބާއްވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނުން މައުލޫމާތު ދޭން ބުނުމުން ވެސް ބައެއް ތަންތަނުން މައުލޫމާތު ނުދޭކަން ފާޙަގަކުރައްވާ ޖަމީލް ވިދާޅުވީ ވަރަށް އާދައިގެ މައުލޫމާތު ވެސް ނުދީ ހިފަހައްޓާ ކަމަށެވެ.

"ހަމައެކަނި އަނގައިން ބުނެލަނީ ތިމަންނަމެންނަކީ ޓްރާންސްޕޭރެންޓް އަދި ގާނޫނަށް ބޯ ލަނބާ ބައެކޭ. އަމަލަކުން އެކަން ނުފެނޭ. ވަރަށް ސިމްޕަލް މައުލޫމާތު ވެސް ހޯދަން އެދުނީމަ މުއްދަތު ދަންމަ ދަންމާ، ރައީސް އޮފީހުން ވެސް މައުލޫމާތު ނުދީ ހިފަހައްޓާފައި އެބަހުރި ކިތަންމެ ކަމެއްގައި،" ޖަމީލް ވިދާޅުވި އެވެ.

މިހާރުގެ އެޑިޓަރު އަހުމަދު ހަމްދޫން ވިދާޅުވީ އެ ނޫހުގެ ފަރާތުން ހުށަހެޅި ގިނަ އާރްޓީއައި ލިބިފައިވާ ކަމަށާއި ބައެއް އާރްޓީއައިތައް ގައުމީ ސަލާމަތުގެ އުޒުރު ދައްކައި ބައެއް މައުލޫމާތު ނުދޭ ކަމަށެވެ.

"ގައުމީ ސަލާމަތޭ ކިޔައި ބައެއް އެއްޗެހި އެބަ ހުރި ނުލިބި. މިސާލަކަށް ޑިފެންސުން ވެސް، ފައިނޭންސް އެއްޗެހި ވެސް ނުލިބި އެބަހުރި," ހަމްދޫން ވިދާޅުވި އެވެ.

މިހާރުގެ އެޑިޓަރު އާސިމާ ނިޒާރު ބުނީ ހުށަހެޅި ގިނަ އާރްޓީއައިތަކަށް ޖަވާބު ލިބުނު ކަމަށާއި މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހަޅަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"އައިޖީއެމްއެޗްއަށް ހުށަހެޅި އެއްޗަކާއި މަޖިލިސް ރައީސް އަބްދުއްރަހީމް ދިރިއުޅުއްވާ ގެކޮޅުގެ މުވައްޒަފުންގެ އަދަދު ހޯދުމަށް ހުށަހެޅި އާރްޓީއައި އަކަށް ޖަވާބު ނުލިބޭ. އާދައިގެ ކުދި ކުދި ކަން ކަމަށް އަސްލު ނުޖެހޭ އާރްޓީއައި ލާކަށް. އާރްޓީއައި ލާން ޖެހުމަކީ މައްސަލައެއް،" އާސިމާ ބުންޏެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭ އާރުޓީއައި ތަކަށް ޖަވާބު ނުލިބިގެން ނުވަތަ ލިބުނު ޖަވާބަކާމެދު ހިތްހަމަ ނުޖެހިގެން ޖުމްލަ 1027 ޝަކުވާއެއް އައިކޮމް އަށް ހުށަހެޅި އެވެ.