Advertisement

ނޫސްވެރިންނަށް ބިރު ދެއްކުން ވަގުތުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

11 ސެޕްޓެންބަރު 2024 - 23:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސްވެރިން. -- ފޮޓޯ: އަދަދު


ނޫސްވެރިންނަށް ބިރު ދެއްކުން ވަގުތުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

11 ސެޕްޓެންބަރު 2024 - 23:13 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުންގެންދާކަށް ހާމަކޮށް، "އަދަދު" ނޫހައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެން އެ ނޫހާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިން އިންޒާރު ހަރުކަށި އިބާރާތު ކުށްވެރިކޮށް، ނޫސްވެރިންނަށް ބިރު ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ އާއި "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ސުރުހީގައި ޝާއިއުކުރި ހަބަރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިން ކަމަށް ބުނެ ޝާއިއުކޮށްފައި ވަނީ "ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް" ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމުންދާ ކަމަށެވެ.

ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަން ކުރުމާއި, ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި, އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމަކަށް ފަހި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެމްޑީޕީން ސަރުކާރަށް ގޮވާލަނީ ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށާއި މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ކަށަވަރު ކަށަވަރުކޮށް ދިނުމަށެވެ.

އަދަދު ނޫހުން މިއަދު ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.