Advertisement

އަދަދުގެ މައްސަލަ އެމްއެމްސީއަށް ހުށަހަޅެމަކީ ޑިމޮކްރަސީ ދުވަހު ލިބުނު ޑިމޮކްރަސީއާ ބީރައްޓެހި ހަބަރެއް: ޝާހިދު

15 ސެޕްޓެންބަރު 2024 - 20:02 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ އަދަދުގެ މައްސަލަ އެމްއެމްސީއަށް ހުށަހަޅެމަކީ ޑިމޮކްރަސީ ދުވަހު ލިބުނު ޑިމޮކްރަސީއާ ބީރައްޓެހި ހަބަރެއް ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަދަދުގެ މައްސަލަ އެމްއެމްސީއަށް ހުށަހަޅެމަކީ ޑިމޮކްރަސީ ދުވަހު ލިބުނު ޑިމޮކްރަސީއާ ބީރައްޓެހި ހަބަރެއް: ޝާހިދު

15 ސެޕްޓެންބަރު 2024 - 20:02 1

ރައީސް މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ދެއްވާ ވާހަކައަށް ބިނާކޮށް މި ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓަރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި އަމަލެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

މީޑިއާ ކައުންސިލަށް މި ނޫހާ ދެކޮޅަށް މައްސަލަ ހުށަހެޅި ހަބަރު ހިއްސާކުރައްވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހު ލިބުނު، ޑިމޮކްރަސީއާ ބީރައްޓެހި ހަބަރެއް ކަމަށެވެ.

"މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރަކުން، މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަހެއް،" ޝާހިދު ލިޔުއްވާފައިވެ އެވެ.

މިކަމާ ގުޅިގެން މި ނޫހާ ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށާއި، ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށެވެ.

"ގައުމެއް ތަރައްގީވެ، ކުރިއަރައިދަނީ ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓި. ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރެވޭ ރައްޔިތުންގެ ޑިމޮކްރެޓިކް ވެރިކަމެއް އޮވެގެން،" އޭނާ ވިދާޅުވި އެވެ.

ޝާހިދުގެ އިތުރުން، މިވަގުތު އިދިކޮޅު ޕާޓީއެއްގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ވަނީ މި ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ޕީއެންސީގެ ވެރިން ކަންބޮޑުވެ، އެހާ ވަރަށް "ތުރުތުރު" އެ އަޅަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށް ވިދާޅުވެފަ އެވެ.

"އަދަދު ނޫހުގައި މި ވާހަކަތައް ދައްކަން ފެށީމަ ދައުލަތުން މި ދެއްވީ ވަރުގަދަ އިންޒާރެއް. މިއީ ހަމަ އިންޒާރުގެ ސަރުކާރަކަށް މި ވަނީ،" އެމަނިކުފާނުގެ އާ ޕާޓީ، ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ކޮންމެ މަހެއްގައި ވެސް މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މި ނޫހުން ގެނެސްދީފައިވާނެ އެވެ. އެ ހަބަރުތައް ގެނެސްދީފައިވާނީ ފައިސާ ލިބުނު ޕީއެންސީގެ ބައެއް މެންބަރުން ނަން ސިއްރު ކުރުމަށް އެދި މި ނޫހާ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

"ބައިލައްކަ" ނަމުގައި މިދިޔަ ހަފުތާ ގެނެސްދިން ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.