Advertisement

ދުވާފަރު މަސްވެރިން ވެސް ބުނަނީ ސަރުކާރުގެ ޓީމު ރަށަށް ނާރުވާނެ ކަމަށް

ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކޮށް ދުވާފަރުގެ މަސްވެރިން ދަމާފައިވާ ބެނާއެއް: އެ ރަށަށްވެސް ސަރުކާރުގެ ޓީމު ނާރުވާނެ ކަމަށް ވަނީ ބުނެފަ --- ފޮޓޯ: އެކްސް


ދުވާފަރު މަސްވެރިން ވެސް ބުނަނީ ސަރުކާރުގެ ޓީމު ރަށަށް ނާރުވާނެ ކަމަށް

ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ދިޔުމުން އެ ރަށްރަށުން ބޭރުކޮށްލާފައިވަނިކޮށް، ރ. ދުވާފަރަށް ސަރުކާރުގެ ޓީމެއް ގޮސްފި ނަމަ އެ ރަށަށް ވެސް ވަފުދު ނާރުވާނެ ކަމަށް މަސްވެރިން ބުނެފި އެވެ.

ދުވާފަރު މަސްވެރިން ވަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށް އެ ރަށު ބަނދަރުގައި ބެނާތަކެއް ވެސް ދަމާފަ އެވެ. އެތަނުން އެއް ބެނާގައި ލިޔެފައިވަނީ ސަރުކާރުން ފައިސާ ނެތް ކަމަށް ބުނަނީ މަސްވެރިންނަށް ދޭންވީމާ ކަމަށާއި އެކަމަކު ސިޔާސީ "ބޮޓުންނަށް" މުސާރަ ދޭންވީމާ ފައިސާ ހުންނަ ކަމަށެވެ.

"ނިމިގެން ދިޔައީ ބިނާކުރަނިވި ސަރުކާރެއް! ފެށިގެން މިދަނީ ފަނާކުރަނިވި ސަރުކާރެއް!،" އެ ރަށުގައި ދަމާފައި ހުރި އެހެން ބެނާއެއްގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން ވެސް ނުފުއްދޭ ވައުދު ނުވުމަށާއި މަސްވެރިންނަށް ކުރަމުންދާ "އަނިޔާ" ހުއްޓާލުމަށް ވެސް ދުވާފަރު މަސްވެރިން ވަނީ ގޮވާލާފަ އެވެ.

މިއަދު މެންދުރު މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓީމު ބޭރުކޮށްލާފައިވަނީ ގއ. ދެއްވަދޫންނެވެ. އެ ރަށުން މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ މަސް ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭން ދިޔަ ފިޝަރީޒް މިނިސްޓްރީގެ ހަ މީހުން ހިމެނޭ ޓީމު ރަށުން ބޭރުކޮށްލީ މަސްވެރިން ނުކުމެ ކަމަށެވެ.

ހަމަ އެ ޓީމުން ގއ. ދާންދޫއަށް ވެސް އަރަން ބުރާސްފަތި ދުވަހު މަސައްކަތް ކުރި އެވެ. އެކަމަކު ދާންދޫއަށް ވެސް އެރިޔަ ނުދީ، މަސްވެރިން ވަނީ އެ ޓީމު ރަށުން ބޭރުކޮށްލައިފަ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން އެއްފަހަރާ ހުރިހާ ފައިސާ ދޫކުރި އެވެ. މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާތައް ލަސްވެގެން ދެ ހަފުތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން އޭރު ބުނި ނަމަވެސް، ފައިސާ ދޫނުކޮށް މިހާރު ދެ މަސްވަރު ވެފައިވާ ކަމަށް މަސްވެރިން ބުންޏެވެ.