Advertisement

ނަސްރަﷲ އަވަހާރަކޮށްލުން އެމްޑީޕީގެ ޗެއާޕާސަން ކުށްވެރި ކުރައްވައިފި

about 14 hours 0

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ވިދާޅުވީ އިޒްރޭލާ ދެކޮޅަށް އާންމުންނާއި މުސްލިމް ގައުމުތަކުގެ ލީޑަރުން ތެދުވަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ނަސްރަﷲ އަވަހާރަކޮށްލުން އެމްޑީޕީގެ ޗެއާޕާސަން ކުށްވެރި ކުރައްވައިފި

about 14 hours 0

އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ހިސްބުﷲ މިލިޓަރީ ގްރޫޕުގެ ލީޑަރު ހަސަން ނަސްރަﷲ އަވަހާރަކޮށްލުމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަން ކުށްވެރި ކުރައްވައިފި އެވެ.

ލުބްނާނުގައި ހަރަކާތްތެރިވާ ހިސްބުﷲ ގެ ލީޑަރު އިޒްރޭލުން އަވަހާރަކޮށްލީ ވެރި ރަށް ބެއިރޫތަށް ރޭ ދިން ހަމަލާތަކެއްގަ އެވެ. އެ ހަމަލާގައި ވަރަށް ގިނަ އާންމުން ވެސް މަރުވިި އެވެ.

"އެއްވެސް ބެލުމެއް ނެތި އިޒްރޭލުން އަޅަމުންދާ ބޮންތަކުގައި ހިސްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަދި ލުންބާނުގެ އެތައް ސަތޭކަ ބަޔަކު މަރާލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި އިޒްރޭލުން މެދުއިރުމަތީގައި ހިންގާ އަނިޔާވެރި އަމަލުތަކަށް އެއްވެސް އަދަބެއް ނުލިބި ދިޔުމަކީ ކަންބޮޑުވުމެއް،" މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވި އެވެ.

އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުން އިތުރަށް ފުޅާވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުން އަންނަ ޖަރީމާތަކުގެ ނަތީޖާއަކަށްވާނީ އެ ސަރަހައްދަށް ދުވަހަކު ވެސް ހަމަޖެހުން ނުލިބުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ހަގީގީ އަމަން ގާއިމް ކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެން،" އޭނާ ވިދާޅުވި އެވެ. "ހެޔޮ ވިސްނޭ ދުނިޔޭގެ ހުރިހާ ރައްޔިތުންނާއި މުސްލިމް ގައުމުތަކުގެ ލީޑަރުން އެއްބައިވެ، އިޒްރޭލާ ދެކޮޅަށް ތެދުވަންޖެހޭ."

އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި މަދުވެގެން 11 މީހުން މަރުވެ، 108 މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި ސެޕްޓެމްބަރު 16، އިން ފެށިގެން އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި 1030 މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 87 ކުޑަކުދިންނާއި 57 އަންހެނުން ހިމެނެ އެވެ.